ކުޅިވަރު

ނިލަންދޫގެ ތައްޔާރީތައް ދަނީ އެންމެ ބޭނުންވާ ގޮތަކަށް ނޫން: ފެސްކޯ


ސީޒަނު ފެށުމުގެ ކުރިންނާއި ލީގު ފެށުނު ފަހުންވެސް ނިލަންދޫގެ ތައްޔާރީތައް ދަނީ އެންމެ ބޭނުންވާ ގޮތަކަށް ނޫން ކަމަށް ނިލަންދޫ ސްޕޯޓްސް ކްލަބުގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފި އެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓްރީ އަތުން ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ފެސްކޯ ބުނީ މި މެޗުގައި ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތަށް ސާބަސް ދޭކަމަށެވެ. ފެސްކޯ ބުނީ ކުޅުންތެރިން ކުޅުންތެރިން ވަރުބަލިވުމުގެ ކުރިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ނަމަވެސް ފަހު ހާފުގައި ވަރުބަލިކަމުގެ ސަބަބުން ޓީމްގެ ކުޅުން ވަރަށް ބޮޑަށް ދަށަށްދިޔަކަމަށެވެ.

ކޯޗު ބުނީ ޔޫވީއަށް ލިބުނު ދެ ޕެނަލްޓީއަކީ ނިލަންދޫގެ ކުޅުންތެރިން ބޭކާރު ފައުލް ކޮށްގެން އެޓީމަށް ލިބުނު ޕެނަލްޓީތަކެއް ކަމަށެވެ. ޓީމުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފެސްކޯ ބުނީ ފަރިތަކުރުންތައް ދަނީ ވަރަށް ދަށްކޮށް ކަމަށާއި، މެޗުތަކަށް ޓީމު ނުކުންނަނީ އޭނާ އެންމެ ބޭނުންވާ މިންވަރަށް ތައްޔާރުވެގެން ނޫންކަމަށެވެ.

"މެޗުގެ ފުރަތަމަ ހާފުގައި ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމަށް ހަމަ ސާބަސް ދެން. އެކަމަކު ދެވަނަ ހާފުގައި ވަރަށް ދަށް ކުޅުމެއް ފެނިގެން ދިޔައި. ދެން ޔޫވީއަށް މި ލިބުނު ދެ ޕަނަލްޓީއަކީ ބޭކާރު ފައުލްތަކެއް ކޮށްގެން ލިބުނު ޕެނަލްޓީތަކެއް. އަސްލު އެންމެ ބޭނުންވާ ވަރަށް ފަރިތަނުކުރެވޭތީ މިހެން މި ވަނީ". ފެސްކޯ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މި ކަހަލަ މެޗުތަކަކީ އެންމެ އުނދަގޫ މެޗުތައް ކަމަށާއި ސަބަބަކީ އިދިކޮޅު ޓީމާއިމެދު މާބޮޑަށް ފަސޭހަކޮށް ވިސްނުންކަމަށެވެ. މެޗަށް ނުކުތްއިރު ޓާގެޓަކީ މާގިނަ ގޯލްތަކެއް ޖެހުން ނޫންކަމަށައި، ޓާގެޓަކީ ތިން ޕޮއިންޓް ކަމަށް ނަޒީހު ބުންޏެވެ.