މަރާލާފައިވާ ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝިމް ޢަލީއާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލައާއި ގުޅޭ ތަފްސީލް ރިޕޯޓެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށާއި، ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ރިޔާސީ ދެ ކޮމިޝަނެއް އުފައްދަވާފައެވެ. އަދި އެ ކޮމިޝަންތަކަށް ޤާނޫނީ ބާރު ދިނުމުގެ ބިލް ރައީސް މިހާރުވަނީ ތަސްދީގުވެސް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެމަނިކުފާނު އުފައްދަވާފައިވާ ދެ ކޮމިޝަނުންވެސް ގިނަ މަޢޫލޫމާތުތަކެއް ހޯދާ އެމަނިކުފާނާއި ހިއްސާކުރައްވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަންގެ ވަރަށް ރަނގަޅު ދިރާސާ ރިޕޯޓެއް ފޮނުވާފައިވާކަމަށާއި، އެގޮތުން މަރާލާފައިވާ ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީގެ މަރާއި ގުޅޭ ތަފްސީލީ މަޢުލޫމާތު އެ ރިޕޯޓްގައި ހިމަނާފައިވާ ކަމަށެވެ. އަދި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މައްސަލާގައިވެސް ތަފްސީލީ ރިޕޯޓެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެ ރިޕޯޓްތަކާއި ގުޅޭ އިތުރު ތަފްސީލް ރައީސް ހަމަނުކުރައްވައެވެ. ރައީސް މިހެން ވިދާޅުވެފައިވާއިރު މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއް ސުޢޫދު ޕީއެސްއެމް ނިއުސްއަށް ވިދާޅުވެފައިވަނީ އަޙްމަދު ރިޟްވާންގެ މައްސަލަ ނިންމާ މިމަހުގެ މަހުގެ ނިޔަލަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ.
އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝިމް ޢަލީއަށް ހަމަލާދީ އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގެ ރޭއެވެ. އަދި 2014 އަހަރުގެ އޮގަސްޓު މަހު ރިޟްވާން ގެއްލިފައިވާއިރު އޭނާއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއްނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތަށް ގެއްލިފައިވާ ފައިސާއާއި މުދަލާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެމަނިކުފާނު އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަންގެ ފަރާތުންވެސް ގިނަ މަޢޫލޫމާތުތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅޭ މަޢޫލޫމާތުތަކެއް އެމަނިކުފާނާއި ހިއްސާ ކުރައްވާފައިވާ ކަމަށާއި އެމައްސަލާގައި ޝާމިލްވާ އަޙްމަދު އަދީބާއި އެނޫންވެސް ގިނަ ބައެއްގެ ފަރާތުންވެސް ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ލިބެމުންދާ ކަމަށެވެ.
"މި ދެ ކޮމިޝަނަށްވެސް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި. އެއީ ޤާނޫނީގޮތުން ލިބެންޖެހޭ ބާރުތައް ނުލިބުމުގެ ސަބަބުން. ނަމަވެސް އެ ދަތިތަކާއެކުވެސް އެސެޓް ރިކޮވަރީ ކޮމިޝަނުންވެސް ޚާއްޞަކޮށް އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅޭގޮތުން ވަރަށް ރަނގަޅު ދިރާސާއެއްކޮށް އަޅުގަނޑާއެބައޮތް ހިއްސާކޮށްފަ. އެ މަޢުލޫމާތުތައް ހިއްސާނުކޮށް އެ މަޑުކުރައްވަނީ އަދިވެސް އިތުރަށް ކުރަންޖެހޭ ދިރާސާތަކެއް ހުރުމުން. އެމްއެމްޕީއާރުސީގެ މައްސަލަ ޕޮލިހުންވެސް އަދިއޭސީސީންވެސް އެބަ ދިރާސާކުރޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ރިޔާސީ ދެ ކޮމިޝަން އެމަނިކުފާނު އުފެއްދެވީ އެއިރު ހުރި މިނިވަން މުއައްސަސާތަކަށް އިތުބާރު ނުކުރެވުމުގެ ސަބަބުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެންޓި-ކޮރަޕްޝަން ކޮމިޝަން އަލުން އެކުލަވާލާ އެ މައްސަލަތަކުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.