ސިޔާސީ

ޙައްޖުކޯޓާ ދިނުމުގައި ކޮރަޕްޝަންގެ ޢަމަލެއް ނެތް- އޭސީސީ


މިއަހަރު މީހުން ޙައްޖަށް ގެންދިއުމަށް ޙައްޖު ކޯޓާ ދިނުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ތަޙުޤީޤަށް ސާބިތުނުވާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމައިފިއެވެ. އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ޙައްޖުކޯޓާ ކުންފުނިތަކަށް ދީފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް ބުނެ އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަ ތަޙްޤީޤްކުރުމަށްފު ނެރުނު ހުލާސާ ރިޕޯޓްގައެވެ.

މިއަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލުމުން 18 ފަރާތަކުން ޕްރޮޕޯސަލް ހުށައަޅާފައިވެއެވެ.

ޕްރޮޕޯސަލްތައް އިވެލުއޭޓް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާ ޚިލާފަށް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ޕޮއިންޓް ދީގެންކަމަށް ބުނެ އަމިއްލަ ފަރާތަކުން ވަނީ އެ މައްސަލަ އޭސީސީއަށް ހުށައަޅާފައެވެ.

އެ މައްސަލަ ނިންމާ ކޮމިޝަނުން މިއަދު އާޢްމުކުރި ރިޕޯޓްގައި ބުނެފައިވަނީ ކުންފުނިތަކުން ހުށައަޅަފައިވާ ހުރިހާ ޕްރޮޕޯސަލެއް އިސްލާމިކް މިނިސްޓްރީއަށް ބަލައިގަނެ ޕްރޮޕޯސަލްތަކާއެކު ހުށަހަޅަންޖެހޭކަމަށް ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާއި ބެހޭ އުސޫލުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔުންތައް ނެތްނަމަވެސް ޕްރޮޕޯސަލް ބަލައިގެންފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އިދާރީ މުވައްޒަފުން ބަލައިގަތް 18 ޕްރޮޕޯސަލް އިވެލުއޭޝަން ކޮމެޓީގެ ފުރަތަމަ ބައްދަލުވުމަށް ހުށައަޅާ، ޕްރޮޕޯސަލްތަކާއެކު ހުށަހަޅަން ލާޒިމް ކުރާ ލިޔުންތައް ހަމަތޯ ރީޗެކްކުރަން އިވެލުއޭޝަން ކޮމެޓީގެ މެންބަރުން ނިންމާ އެ މަސައްކަތް އިދާރީ މުވައްޒަފުންނާ ޙަވާލުކޮށްގެން އިދާރީ މުވައްޒަފުން އަލުން ރީޗެކް ކުރިކަން މި މައްސަލައިގެ ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުން އެނގޭކަމަށްވެސް އޭސީސީގެ ރިޕޯޓްގައިވެއެވެ.

އިވެލުއޭޝަން ކޮމިޓީގައި އިސްލާމިކް މިނިސްޓްރީން ބައިވެރި މެންބަރަކާއި ޙައްޖު ސެކްޝަނުގެ މުވައްޒަފެއްގެ ހާޟިރުގައި، އިވެލުއޭޓްކޮށްފައިވާ ޕްރޮޕޯސަލްތައް އޭސީސީން ޗެކްކުރިއިރު، އަމިއްލަ ކުންފުންޏަކުން ހުށައެޅި ލިޔުންތަކުގެ ތެރޭގައި އެ ކުންފުނީގެ އިސްވެރިޔާގެ ނާއިބުގެ މަސްއޫލިއްޔަތު ބަޔާންކުރާ ލިޔުން ހުށަހަޅާފައިނުވާކަން ފާހަގަކުރެވިފައިވާކަމަށާއި މި ލިޔުމަކީ ޙައްޖަށް މީހުން ގެންދިއުމާއި ބެހޭ އުސޫލުގެ ދަށުން ހުށައަޅަންޖެހޭ ލިޔުމެއްކަންވެސް އޭސީސގެ ރިޕޯޓްގައި ފާހަގަކޮށްފައިވއެވެ.


ޕްރޮޕޯސަލް ހުށަހެޅި އިތުރު އެހެން ކުންފުންޏަކުން އިސްވެރިޔާ އާއި އިސްވެރިޔާގެ ނައިބުގެ މަސްއޫލިއްޔަތު ބަޔާންކުރާ ލިޔުން ހުށަހަޅާފައިނުވާކަން ފާހަގަކުރެވިފައިވާކަމަށްވެސް އޭސީސީގެ ރިޕޯޓްގައިވެއެވެ. އެހެންކަމުން، މި ދެ ޕްރޮޕޯސަލްއަކީ އިވެލުއޭޝަން ކޮމެޓީއިން ބާޠިލް ކުރަންޖެހޭ ދެ ޕްރޮޕޯސަލަށް ވީނަމަވެސް، މި ދެ ޕްރޮޕޯސަލް އިވެލުއޭޝަން ކޮމެޓީއިން ބާޠިލްކޮށްފައިނުވާކަމަށް އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވއެވެ.

މި 2 ޕްރޮޕޯސަލް ބާތިލްކޮށްފައި ނުވަނީ ބަލަންޖެހޭ މިންވަރަށް ނުބެލުމުންކަން އެ ކޮމިޝަންގެ ތަހުޤީޤަށް ފާހަގަކުރެވިފައިވާކަމަށާއި،
އެ މައްސަލަ އާއި ގުޅިގެން އޭސީސީއަށް ހުށައަޅާފައިވާ ޝަކުވާގައި، އިވެލުއޭޝަން ކޮމެޓީން ޕްރޮޕޯސަލްތަކަށް ޕޮއިންޓްދީފައިވަނީ
މަޢުލޫމާތު ޝީޓާ ޚިލާފަށްކަމަށް ބުނެފައިވީނަމަވެސް، ޙައްޖަށް ގެންދިޔުމަށް ހުށަހަޅާ އަގުގެ ބަޔަށް ޕޮއިންޓް ދީފައިވަނީ ޙައްޖަށް ގެންދިޔުމަށް ހުށައެޅި އަގުތަކުގެ ތެރެއިން އެންމެ ދަށް އަގަށް ޕޮއިންޓް ދީ އަގު ބޮޑުވާވަރަކަށް ނިސްބަތުން ޕޮއިންޓް އުނިވަމުންދާ ގޮތަށްކަމަށްވެސް އޭސީސީން ބުނެއެވެ.

ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދީފައިވާ ގޮތް ބެލިބެލުމުން، ޕޮއިންޓް ދިނުމުގައި ގަސްތުގައި ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ޕޮއިންޓްދީ، ގަސްތުގައި ވަކިފަރާތަކަށް ލިބެން ނުޖެހޭ މަންފާއެއް ހޯދައިދިނުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވިފައި ނުވާކަމަށް އޭސީސީގެ ރިޕޯޓްގައިވެއެވެ.

އެސީސީގެ ނިންމުމުގައި ބުނެފައިވަނީ ކޯޓާ ދިނުމުގައި ކޮރަޕްޝަަނުގެ އަމަލެއް ހިންގާފައިވާކަން ތަހުޤީގަށް ސާބިތުނުވާކަމަށެވެ. އެހެންނަމަވެސް އޭސީސީން ވަނީ އިސްލާމިކް މިނިސްޓްރީން އިޞްލާޙުކުރަންޖެހޭ ބައެއް ކަންކަން ފާހަގަކޮށް އެ ކަންކަން މިނިސްޓްރީއަށް އަންގާފައެވެ.

އެގޮތުން ޙައްޖަށް މީހުން ގެންދިޔުމާއި ބެހޭ އުސޫލުގައި، ޕްރޮޕޯސަލްއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ބަޔާންކޮށްފައިވާއިރު، އެ ލިޔުންތަކުގެ ތެރެއިން އެއްވެސް ލިޔުމެއް ޕްރޮޕޯސަލާއެކު ހުށަނާޅާނަމަ، ޕްރޮޕޯސަލް ބަލައިގަންނަ މަރުހަލާގައި ބާޠިލް ކުރެވޭނެކަމަށް ބަޔާންކޮށްފައިވާތީ ސީދާ އެގޮތަށް ޢަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ކޮންމެހެން ބަލަންޖެހޭނެކަމަށް އުސޫލުގައި ބުނާ ލިޔުންތައް ވަކިވަކިން ބަލައި ލިޔުންތައް ކަށަވަރުކޮށްފައި މެނުވީ ޕްރޮޕޯސަލްތަކާއި ހަވާލުނުވުމަށްވެސް ވަނީ އަންގާފައެވެ. އަދި މިފަދަ ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދޭނެ މިންގަނޑު ކަނޑައަޅާއިރު، މަޢުލޫމާތު ޝީޓުގައި ތަފްޞީލްކޮށް ޕޮއިންޓް ދޭނެގޮތް ބަޔާންކުރުމަށްވެސް އޭސީސީންވަނީ އިސްލާމިކް މިނިސްޓްރީއަށް އަންގާފައެވެ.