ސިޔާސީ

ފެބްރުއަރީ 7 ތަކުރާރުވިޔަ ނުދިނުމަށް އެޅި ފިޔަވަޅުތަށް ސާފުކުރުމަށް ހޯމް މިނިސްޓަރު މަޖިލީހަށް


ކުރީގެ ރައީސް މުޙައްމަދު ނަޝިދުގެ ވެރިކަން ބަދަލުވި ހާދިސާއާއި، ޖެހިގެން އައިދުވަހު ރާއްޖޭގައި ހިނގި ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭގޮތުން ސުވާލުކުރުމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ޙާޒިރުކުރުމަށް ހުށައަޅައިފިއެވެ.

ހޯމް މިނިސްޓަރ މަޖިލީހަށް ޙާޒިރުކުރުމަށް ހުށައަޅާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރުން ޢަބްދުﷲ ޖާބިރެވެ.

ހޯމް މިނިސްޓަރާއި ޖާބިރު ކުރައްވާ ސުވާލުގައި ވަނީ 2012 ވަނަ އަހަރުގެ ފެބުރުއަރީ 6 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ވެރިން ޣައިރު ޤާނޫނީ ޢަމުރު ކުރިކަމަށް ބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަންނުވެ ފުލުހުން ހަމަނުޖެހުން ހިންގި ކަމަށެވެ. އަދި ފެބުރުއަރީ 7 ވަނަ ދުވަހު މާލޭގައި ހަމަނުޖެހުންތައް ހިނގާ ރައީސް މުޙައްމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އިސްތިއުފާދެއްވި ކަމަށާއި އަދި ޖެހިގެން އައި ފެބުރުއަރީ 8 ވަނަ ދުވަހު މާލެއާއި ރަށްރަށުގައި ރައްޔިތުން ނިކުމެ ހަމަނުޖެހުން ހިންގާ ޕޮލިސް ސްޓޭޝަންތަކަށާއި، ފުލުހުންގެ ވެހިކަލްތަކުގައި ހުޅުޖަހާ ގެއްލުންތައް ދީފައިވާކަމަށްވެސް އެ މައްސަލާގައިވެއެވެ.

އެހެންކަމުން ފުލުހުންގެ ތެރޭގައި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯއާއި ތަންތަނުގެ ސަލާމަތަށް އަޅަފައިވަނީ ކޮން ފިޔަވަޅުތަކެއްތޯ ސާފު ކުރުމަށް ޖާބިރު ހޯމް މިނިސްޓަރަށް ކުރައްވާ ސުވާލުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވަނީ ވަޒީރަކާއި ސުވާލުކުރަން މެންބަރަކު ހުށަހަޅާފައިވާނަމަ ބަންދު ދުވަސްތައް ނުލައި، 14 ދުވަހުގެ ނޯޓިސްއެއް ދޭންޖެހޭނެ ކަމަށެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމަށް ތިން އަހަރު ވެފައިވަނިކޮށް އެއިރުގެ އިދިކޮޅު ފަރާތްތަކުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވެސް ހިމެނިވަޑައިގަންވާހެން "ބަޣާވާތަކުން"ވެރިކަން ވައްޓާލިކަމަށް އޭރުގެ ވެރިކަމުގައި އޮތް އަދި މިހާރުވެސް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ތުހުމަތުކުރެއެވެ.

ވެރިކަން ވައްޓާލުމުގެ ތުހުމަތުގައި އެމްޑީޕީއަށް ތާޢީދުކުރާ ފަރާތްތަކުން 2012 ވަނަ އަހަރުގެ ފެބުރުއަރީ 8 ގައިވަނީ މާލެއާއި އަތޮޅުތަކުގައި ހަމަނުޖެހުންތަކެއް ހިންގާ ފުލުހުންނަށާއި، ދައުލަތުގެ ބައެއް ތަކެއްޗަށް ގެއްލުންތަކެއް ވެސް ވަނީ ދީފައެވެ.