ކުޅިވަރު

ކޮންމެ ގޮތަކުން ވެސް މެސީ ހުއްޓުވަންޖެހޭނެ: ބްރެޒިލް


ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ކޮންމެ ގޮތަކުން ވެސް ހުއްޓުވަން ޖެހޭނެ ކަމަށް ބްރެޒިލް ޓީމުން ބުނެފި އެވެ.

މެސީއާ އެކު ބާސެލޯނާގައި ގިނަ ދުވަސްތަކެއްގައި ކުޅެފައިވާ ޑެނީ އަލްވެޒް ބުނީ ބޯޅަ ނެތި އާއި ބޯޅައާއެކު ވެސް މެސީ އަބަދުވެސް ބަނދެފައި ބަހައްޓަންޖެހޭނެ ކަމަށެވެ.

"އެއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. އޭނާ ހުއްޓުވަން އަހަރުމެން އަބަދުވެސް ހޭލާ ތިބެންޖެހޭނެ. އޭނާގެ ނުރައްކާ އޮންނާނީ ބޯޅަ ލިބުނީމަ އެކަންޏެއްނޫން. މެޗުގެ އެންމެ މުހިންމު ކަމަކީ މެސީ ހިފެހެއްޓުން،" ބްރެޒިލްގެ ކެޕްޓަން އަލްވެޒް ބުންޏެވެ.

ވައިސް ކެޕްޓަން ތިއާގޯ ސިލްވާ ވެސް ބުނީ އޭނާ މެސީ ނުހުއްޓުވައިފިނަމަ ބްރެޒިލަށް ލަނޑެއް ލިބިދާނެ ކަމަށެވެ.

"އަހަރުމެން ޑިފެންޑަރުންގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓެންވާނީ އޭނާ އަށް. އާޖެންޓީނާގެ އެންމެ މުހިންމު މީހަކީ އޭނާ. މެސީ ހުއްޓުވައިފިނަމަ އަހަރުމެންނަށް ކާމިޔާބު ލިބުން އޮންނާނީ ވަރަށް ގާތުގައި،" ސިލްވާ ބުންޏެވެ.

މެޗާ ބެހޭ ގޮތުން މެސީ ބުނީ ކޮޕާ އެމެރިކާގައި މިފަހަރު އޭނާ އަށް އަދި އެންމެ ބޭނުންވާ ވަރަށް ނުކުޅެވޭ ކަމަށާއި ނަމަވެސް ފައިނަލަށް ދިއުމަށް އޭނާ އާއި ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށެވެ.