ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރުގެ "ޕުލާއޯ ސެމަކާއޯ ލޭންޑްފިލް"އަށް ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ސިންގަޕޫރުގެ "ޕުލާއޯ ސެމަކާއޯ ލޭންޑްފިލް" ބައްލަވައިލެއްވުމަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ޕުލާއޯ ސެމަކާއޯ ލޭންޑްފިލްއަކީ ސިންގަޕޫރުގައި ހުރި މިފަދަ ހަމައެކަނި ލޭންޑްފިލްއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު "ސެމަކާއޯ ލޭންޑްފިލް"އަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސިންގަޕޫރުގެ ނޭޝަނަލް އެންވަޔަރަމަންޓް އެޖެންސީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަދްނާން ރާމް ބަސްކަރއެވެ.

ގާތްގަނޑަކަށް ވިއްސަކަށް މިނެޓުން ފެރީގައި ދަތުރުކޮށްފައިދެވޭ ސެމަކާއޯ ލޭންޑްފިލްއަކީ އާރޓިފިޝިއަލްކޮށް ސިންގަޕޫރުގެ ގުޅިފައިވާ ސިޓީތަކާއި ވަކިން އޮންނަ ރަށެކެވެ. މިއީ ތިމާވެށްޓާ ރަށްޓެހިގޮތަށް ޤާއިމްކޮށްފައިވާ ރަށެކެވެ.

މި ރަށުގައި ތިމާވެށްޓާ ރަށްޓެހިކޮށް ކުނި ނައްތާލުމަށް ބޭނުންކުރާ އެންމެ ބޮޑު ނިޒާމް ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން 350 ހެކްޓަރުގެ ކުނި ނައްތާލުމުގެ ޤާބިލްކަން ލިބިފައިވާ އިންސިނެރޭޓަރު ޤައިމްކޮށްފައިވެއެވެ. ދެމެހެއްޓެނިވިގޮތެއްގައި ތިމާވެށްޓާއި ރަށްޓެހިކޮށް ކުނި ނައްތާލުމުގެ ކަންކަން ޔަޤީންކުރުމަށްޓަކާ އެކަމަށްބޭނުންވާ ސަޕޯޓް ލިބޭނެ އަދި އެކަން ބެލެހެއްޓޭނެ ނިޒާމްވެސް މިރަށުގައި ވަނީ ޤާއިމްކޮށްފައެވެ.

މީގެ އިތުރުން މަސްމަހާމެހި އަލާކޮށް ދިރުވުމާއި އެނޫންވެސް ތިމާވެށްޓާ ރަށްޓެހި ގިނަ ކަންކަން މިރަށުގައި އަންނަނީ ކުރަމުންނެވެ. މި ރަށުގެ ވަށައިގެން 7 ކިލީމީޓަރުގެ ބައުންޑަރީއެއް ނުވަތަ މަގެއް ވަނީ ޤާއިމްކޮށްފައެވެ. އަދި އެތަނުގެ ވަށައިގެން މަށިން ހަދާފައިވާ ތޮށްޓެއް ޤާއިމްކޮށްފައިވާއިރު، އެތަނުގެ ތެރޭގައި ތަފާތު ދިރުންތައް އަލާކުރަމުން ގެންދެއެވެ. ތިމާވެށްޓާ ރަށްޓެހި މިރަށް ތަރައްީކޮށްފައިވަނީ 1999ވަނަ އަހަރުއެވެ.

ރައީސް "ސެމަކާއޯ ލޭންޑްފިލް"އަށް ޒިޔާރަތްކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ސިންގަޕޫރުގައި ކުނި މެނޭޖްކުރާގޮތް ބައްލަވާލައްވައި އެކަމާމެދު މައުލޫމާތު އޮޅުންފިލުއްވުމެވެ. ރައީސުލްޖުމްހޫރިއްޔާގެ މިިޒިޔާރަތުގައި ރާއްޖެއިން ސިންގަޕޫރަށް ވަޑައިގެންނެވި ވަފްދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އަންނަނީ ރާއްޖޭގައި ތިމާވެށްޓާއި ރަށްޓެހިކޮށް ކުނި ނައްތާލުމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ތިމާވެއްޓަށް ޚާއްޞަ އިސްކަމެއް ދެއްވަން ފަށްޓަވާފައެވެ.