ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގަތުން


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފިއެވެ. ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓުން ރައީސްގެ ދެކަނބަލުންނަށް މަރުޚަބާ ދެންނެވީ އެޤައުމުގެ ސީނިއަރ މިނިސްޓަރ އޮފް ޑިފެންސް މާލިކް އުސްމާނެވެ. މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ ޚާއްޞަ ވަފުދެއްވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ހަރ އެކްސެލަންސީ ޙަލީމާ ޔަޢުޤޫބާއި ބޮޑުވަޒީރު ލީ ސިއެން ލޫންގއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި އެމީހުންގެ ހާލު ބައްލަވައިލެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ކުނި މެނޭޖްކުރުމަށް ބޭނުންކުރާ ސަރަހައްދެއް ކަމުގައިވާ ސިމާކޯ ލޭންޑްފިލް އަށް ޒިޔާރަތްކުރެއްވުމާއި ސިންގަޕޫރުގެ އައިއެސްޑީ ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. މި ޒިޔާރަތުގައި އެ ދެ ދާއިރާއިން ސިންގަޕޫރުން ހޯދާފައިވާ ކުރިއެރުންތައް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.