ޚަބަރު

ޤަވާއިދާއި ހިލާފަށް ފަޓާސް އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި


ގިނަ އަދަދެއްގެ ދޫންޏާއި ދޫނިބިސް އަދި ފަޓާސްތަކެއް ޤަވާއިދާއި ޚިލާފަށް ރާއްޖެ އެތެރެކުރި ބަޔަކު ކަސްޓަމްސް އިން އަތުލައިގެންފިއެވެ.ކަސްޓަމްސްއިން މިމަހު ހިންގާފައިވާ ބައެއް އޮޕަރޭޝަންތަކާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޗީފް ކަސްޓަމްސް އޮފިސަރ އައިމިނަތު ލިއުޝާ ވިދާޅުވީ، މިމަހުގެ ހަވަނަ ދުވަހު ސްރީލަންކާއިން ރާއްޖެ އައި ދެމީހެއްގެ އަތުން 87 ފަޓާސް، އަދި ކުޅޭ ބަޑިއަށް ލައްވާ 3 ރޯލް ފެނިފައިވާކަމަށާއި، އެތަކެތީގެ ބަރުދަނުގައި ހަސަތޭކަ ގްރާމް ހުރިކަމަށެވެ.ފަޓާސްފަދަ ގޮވާޒާތުގެ ތަކެއްޗަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޚާއްޞަ ހުއްދަ ލިބިގެން ރާއްޖެ އެތެރެކުރެވޭ ތަކެއްޗެކެވެ.ލިއުޝާ ވިދާޅުވީ، އެތަކެތި ރާއްޖެ އެތެރެކޮށްފައިވަނީ ވަރަށްބޮޑަށް ޓޭޕްއަޅައި ބަންދުކުރުމަށްފަހު އެމީހުން ލައިގެންތިބި ޖިންސުގެ ޖީބަށް ލައިގެންކަމަށެވެ. އަދި މިތަކެތި އެތެރެކުރި މީހުންގެ ތެރެއިން އެކަކީ މަސްތުވާތަކެތީގެ ރިކޯޑް އޮތް މީހެއްކަމަށްވެސް ލިއުޝާ ވިދާޅުވިއްެވެ.މީގެއިތުރުން މިމަހުގެ ނުވަ ވަނަ ދުވަހު ބެންކޮކުން ރާއްޖެއައި ދިވެއްސަކު 30 ދޫންޏާއި 26 ދޫނި ބިހާއި 3 މުސަޅު އެތެރެކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.  އޭގެ ތެރޭގައި ބަކަމޫނާއި ބާޒު ހިމެނޭ ކަމަށްވެސް ލިއުޝާ ވިދާޅުވިއެވެ.ދޫންޏާއި ދޫނިބިހަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޚާއްޞަ ހުއްދަ ލިބިގެން އެތެރެކުރެވޭ ތަކެއްޗެވެ.މި މައްސަލަތަކުގައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވުނު، ފަޓާސްތައް ޑިފެންސް މިނިސްޓްރީއާ ހަވާލުކޮށްފައިވާއިރު، ދޫންޏާއި މުސަޅުތައް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.މީގެ އިތުރުން، މިމަހުގެ ދިހަވަނަ ދުވަހު ކަސްޓަމްސްގެ ބޮންޑެޑް ވެއަރހައުސްއިން ޑިއުޓީ ދައްކައިގެން ރިސޯޓަކަށް ޑިކްލެއަރކޮށްފައިވާ އެއްތިރީސް ކޭސް  ބަނގުރަލާއި ފަސް ކޭސް ބިޔަރު، ރިސޯޓަށް ނުގެންގޮސް ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއަކަށް އެރުވިކަމުގެ މަޢުލޫމާތު ކަސްޓަމްސްއަށް ލިބުމާއި ގުޅިގެން، ކަސްޓަމްސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެތަކެތި އަތުލައިގަނެފައިވާކަމަށްވެސް ލިއުޝާ ވިދާޅުވިއެވެ.މި މައްސަލަތަކާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރާއި 32 އަހަރާއި ދެމެދުގެ ދިވެހިންކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. މި މައްސަލަތައް ކަސްޓަމްސްއާއި ފުލުހުން ގުޅިގެން މިހާރު ދަނީ އިތުރަށް ތަޙްގީގްކުރަމުންނެވެ.މީގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާތަކެތި ފަަހަކަށް އައިސް ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެންނަމުންދާ ކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށް ކަސްޓަމަސް އިންވަނީ ވިދާޅުވެފައެވެ.