ސިޔާސީ

ރާއްޖެއާއި އީޔޫއާއި ދެމެދު މަތީފަންތީގެ ބައްދަލުވުން ބޭއްވުމަށް އެއްބަސްވެއްޖެ


ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން، އީޔޫއާއި ދެމެދު އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާއިން މަޝްވަރާކޮށް މަތީ ފަންތީގެ ބައްދަލުވުން ބޭއްވުމަށް އެއްބަސްވެއްޖެއެވެ. ރާއްޖެއާއި އީޔޫއާ ދެމެދު މިގޮތަށް އެއްބަސްވެފައިވަނީ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ބެލްޖިއަމްގެ ބްރަސަލްސްއަށް މިހާރުކުރައްވާ ދަތުރުފުޅުގައި ޔޫރަޕިއަން ޔޫނިއަންގެ ނާއިބު ރައީސް ފެޑްރީކާ މޮގްރީނީއާއި ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގައެވެ.

މި ބައްދަލުވުމުގައި ޔޫރަޕިއަން ޔޫނިއަންގެ ނާއިބު ރައީސް ފެޑްރީކާ މްގޮރީނީ ވަނީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށާއި، ގުޑް ގަވަރނަންސް ނުވަތަ ހެޔޮވެރިކަމުގެ އުސޫލްތައް ދެމެހެއްޓުމަށް އައު ސަރުކާރުން ކުރާ މަސައްކަތްތަކަށް މަރުހަބާ ކިޔާފައެވެ.

ދެބޭފުންގެ މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތިރަށް ބަދަހިކޮށް ރާއްޖެއާއި އީޔޫއާއި ދެމެދު ކޮންމެ އަހަރަކުވެސް މަތީފަންތީގެ ބައްދަލުވުން ބޭއްވުމަށް އެއްބަސްވެވަޑައިގެންފައެވެ. މީގެ އިތުރުން ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި، ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމާއި، ސަލާމަތީ ޚިދުމަތްތަކުގެ ދާއިރާއިންން ގުޅުން ބަދަހިކުރުމަށްވެސް މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ބްރަސަލްސްއަށް ކުރައްވާ ދަތުރުފުޅުގައި ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރ ފޮރ ޓްރޭޑް، ސިސީލިއާ މެލްމްސްޓްރޮމް އާއިވެސް ބައްދަލުކުރައްވާފައިވެއެވެ. މިނިސްޓަރ ޝާހިދާއި ކޮމިޝަނަރ މެލްމްސްޓްރޮމް ވަނީ ވިލާތުގެ ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ނެރުމުގައި އިތުރު ލުއިތަކެއް ހޯދުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ފޮރިންގ މިނިސްޓަރ ބްރަސަލްސްއަށް ކުރައްވާ މި ދަތުރުފުޅަކީ ދެދަުވަހުގެ މުއްދަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.