ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ނެރުމުގައި އިތުރު ލުއިތަކެއް ހޯދުމާއި ގުޅޭގޮތުން ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ޔޫރަޕިއަން ޔޫނިއަންގެ އިސް ބޭފުޅުންނާއި މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ފޮރިންގ މިނިސްޓަރ ޝާހިދު ބެލްޖިއަމްގެ ބްރަސަލްސްއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މިނިސްޓަރ ވަނީ ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރ ފޮރ ޓްރޭޑް، ސިސީލިއާ މެލްމްސްޓްރޮމް އާއި ބައްދަލުކުރައްވާ ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ޔޫރަޕިއަން ކޮމިޝަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ނެރުމުގައި އިތުރު ލުއިތަކެއް ހޯދުމާއި ބެހޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓް، ޕައޯލާ ޕަމްޕޮލީނީއާއިވެސް ބައްދަލުކުރައްވާފައެވެ. މޫސުމީ ބަދަލުތަކާއި، ޤާނޫނުގެ ވެރިކަން ހިންގުމާއި، އިންސާނީ ހައްޤުތަކާއި، އިޤްތިޞާދީ ތަރައްޤީއާއި އަދި އެނޫންވެސް ދާއިރާތަކުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން އާއި ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރ ޝަހިދުގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވިޔޫރަޕިއަން ޕާލަމެންޓްގެ ބައެއް ބޭފުޅުންގެ ތެރޭގައި ޔޫރަޕިއަން ޕާލަމެންޓް މެމްބަރުންކަމަށްވާ ތޯމަސް ޒެޗޮވްސްކީ، ޗާރލްސް ޓެނޮކް އަދި ޖީން ލަމްބާރޓް ހިމެނިވަޑައިގަންނަވައެވެ.
ޖީން ލަމްބާރޓްއަކީ ޔޫރަޕިއަން ޕާލަމެންޓްގެ ދެކުނު އޭޝިއާގެ ޤައުމުތަކާއި ބެހޭ ޑެލިގޭޝަންގެ ޗެއަރއެވެ. ޔޫރަޕިއަން ޕާލަމެންޓްގެ މެމްބަރުން ވަނީ ޑިމޮކްރަސީ އިޔާދަކޮށް، އިސްލާހީ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދިވެހިރާއްޖޭގައި ޑިމޮކްރަސީ އަށަގަނެ، ކުރިއަރުވަން ވެދެވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަޤީންކަން އެބޭފުޅުން އެރުވިކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއެވެ.