ސިޔާސީ

ބާ ކައުންސިލްގެ ބިލް ފާސްކޮށްފި


ޤާނޫނީ ވަކީލުންގެ މަސައްކަތްތަކަށް ފާރަވެރިވުމަށް ބާ ކައުންސިލްގެ ނަމުގައި މިނިވަން މުޢައްސަސާއެއް އުފެއްދުމަށް ހުށައެޅި ޤާނޫނީ ފަންނުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި ބިލް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ބިލް މަޖިލީހުން ފާސްކުރީ ކޮމިޓީން ގެނައި އިޞްލާހަކާއެކުއެވެ. ކޮމިޓީން ގެނައި އިޞްލާޙުގައި ވާ ގޮތުން ދައުލަތުގެ ވަކީލުންގެ ގޮތުގައި މަސައްކަތްކުރާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނާއި ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލުންނަށް ބާ ކައުންސިލުން ފިޔަވަޅު އެޅޭނެއެވެ. ނަމަވެސް މަޖިލީހަށް އެ ބިލް ފުރަތަމަ ހުށައެޅިއިރު ޕީޖީ އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުންގެ ކަންކަމާ ގުޅޭ އެއްވެސް އިޙްތިޟާސްއެއް ބާ ކައުންސިލަށް ދިނުމަށް ހިމަނާފައެއް ނުވެއެވެ.

ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ ހުށަހެޅުއްވި މި ބިލަކީ ކޯޓުތަކުން ޤާނޫނީ ވަކީލުން ރެގިއުލޭޓުކޮށް އެމީހުންނާއި މެދު ފިޔަވަޅު އެޅުން ހުއްޓުމަކަށް ގެނައުމަށް ހުށަހެޅުއްވި ބިލެކެވެ. އަދި ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، މިނިވަންކަމާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަކީވެސް މި ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް އިމްތިޔާޒު ފަޙުމީ ވިދާޅުވެފައިވެއެވެ.

މިނިވަން މުސްތަޤިއްލު މުޢައްސަސާއެއްގެ ގޮތުގައި އުފައްދާ ބާ ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި މަސައްކަތްކުރާ ޤާނޫނީ ވަކީލުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތް ކުރުމާއި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދީ ޤާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓުކޮށް ބެލެހެއްޓުމެވެ.

މި ބިލްގެ ދަށުން އުފައްދާ ބާ ކައުންސިލު ވުޖޫދުވުމަށްފަހު ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ އެ ކައުންސިލުން ކަމަށް ބިލުގައި ބުނެފައިވެއެވެ.