ސިޔާސީ

އުއްތަމަ ފަނޑިޔާރާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފުސީލެއް މަޖިލީހުން ހާމައެއް ނުކުރއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައި މިވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނާއި ގުޅުން ހުރި މައްސަލަތަކެއް ޖުޑީޝަލް ސާރވިސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުން ބަލަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީންވެސް އަންނަނީ ސުޕްރީމްކޯޓާއި ގުޅުން ހުރި މައްސަލަތަކެއް ބަލަމުންނެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުން މަޖިލީހުގެ މަސްއޫލިއްޔަތުތަކާއި ނުބެހުމަށާއި، އެ ނޫންވެސް މިނިވަން މުއައްސަސާތައް ޤާނޫނުގެ ތެރެއިން މަސައްކަތްކުރުމުގެ ފުރުޞަތުދީ އެކަމުގެ ތެރެއަށް ނުވަނުމަށް އެދި ސުޕްރީމް ކޯޓަށް އިލްތިމާސްއެއް ކުރުމަށް ފާސްކޮށްފައެވެ.

ޖޭއެސްސީން އަންނަނީ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީވެސް ހިމެނޭ ހެން އެ ކޯޓްގެ ތިން ފަނޑީޔާރެއްގެ މައްސަލަ ބަލަމުންނެވެ. އަދި އެ ކޮމިޝަނުން ވަނީ ސުޕްރީމްކޯޓްގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ހުުޅުވާލައިގެން ބަލަން ފަށާފައެވެ. މީގެއިތުރުން ހުރިހާ ފަނޑިޔާރުންގެ ފެންވަރު ބެލުމަށްވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.