ދުނިޔެ

އޮބާމާ، ސައޫދީ ރަސްގެފާނަށް ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވައިފި


މާދަމާ އެމެރިކާގެ ކޭމްޕް ޑޭވިޑްގައި ފެށޭ އެމެރިކާއާއި ގަލްފުގެ އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓާބެހޭގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ ފޯނުން މަޝްވަރާ ކުރައްވައިފިކަމަށް ވައިޓް ހައުސް އިން ބުނެފިއެވެ.ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ މިއީ ސައޫދީ ރަސްގެފާނު އެސަމިޓަށް ޙާޒިރުވެ ވަޑައިނުގަންނަވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރެއްވުމުގެ ގޮތުން އޮބާމާ ކުރެއްވި ފޯންކޯލެއް ކަމަށެވެ.އެމެރިކާގެ ވެރިރަށް ވޮޝިންޓަންގެ ކޭމްޕް ޑޭވިޑް ގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސަމިޓަކީ އީރާނާއި އެމެރިކާ ގާތްވަމުންދާތީ އެކަމާމެދު ސައޫދީ އަރަބިޔާއާއި ގަލްފު ގައުމުތައް ހިތްހަމަނުޖެހޭ މައްސަލައާމެދު ބަޙްޘް ކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިސް ނަންގަވައިގެން ބާއްވާ ސަމިޓެކެވެ.މިސަމިޓްގައި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އިތުރުން ޢޮމާންގެ ރަސްގެފާނު ގާބޫސް ބިން ސައީދު އާއި ބަޙްރައިންގެ ރަސްގެފާނު ޝައިޚް ޙަމަދު ބިން އީސާ އާއި ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ރައީސް ޝައިޚް ޚަލީފާ ބިން ޒާޔިދު އާލް ނިހްޔާން ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމާއި އެތިން ބޭފުޅުން ތަމްޘީލް ކުރައްވާނީ އެގައުމުތަކުގެ އެކިފެންވަރުގެ މަސްއޫލުވެރިންކަން އެގައުމުތަކުން ވަނީ ހާމަކޮށްފައެވެ.މިކަމާގުޅިގެން ވައިޓް ހައުސްއިން ބުނެފައިވަނީ މިސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ގަލްފުގެ ގައުމުތަކުގެ މަސްއޫލުވެރިންނަކީ އެގައުމުތައް ފުރިހަމަ ގޮތުގައި ތަމްޘީލް ކުރެއްވޭފަދަ އަދި އެގައުމުތަކުން ނިންމަންޖެހޭ ކޮންމެ ނިންމުމެއް ނިންމުމުގެ ބާރު ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް ވާނެ ކަމަށް އުންމީދު ކުރާކަމަށެވެ.ގަލްފުގެ 6 ގައުމުގެ ތެރެއިން 4 ގައުމެއްގެ އެންމެ އިސްވެރިން ކޭމްޕް ޑޭވިޑް ސަމިޓަށް ޙާޒިރުވެވަޑައިނުގަތުމަކީ އީރާނާއި އެމެރިކާ ގާތްވަމުންދާ މައްސަލާގައި ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އެގައުމުތަކުން އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ދޭ ވަރުގަދަ މެސެޖެއްކަމަށް ރިޕޯޓްތައް ބުނެއެވެ.ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ އޮބާމާ، ސައޫދީ ރަސްގެފާނަށް ކުރެއްވި ފޯންކޯލްގައި ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި މިފަދަ އެއްވެސް ހިތްހަމަ ނުޖެހުމެއްގެ ވާހަކަ ސައޫދީ ރަސްގެފާނު އޮބާމާއަށް ދަންނަވާފައިނުވާ ކަމަށެވެ. ނަމަވެސް ސައޫދީ ރަސްގެފާނާއި ގަލްފުގެ އިތުރު ތިން ގައުމެއްގެ އެންމެ އިސްވެރިން އެސަމިޓަށް ޙާޒިރުވެ ވަޑައިނުގަންނަވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަން އޮބާމާ ހާމަކުރެއްވި ކަމަށް ވައިޓް ހައުސްގެ ތަރްޖަމާން ހާމަކުރެއްވިއެވެ.ސައޫދީ އަރަބިޔާއާއި އުމާން އާއި ޔޫ.އޭ.އީ އާއި ބަޙްރައިންގެ އެންމެ އިސްވެރިން ކޭމްޕްޑޭވިޑްގެ ސަމިޓަށް ޙާޒިރުވެ ވަޑައިނުގަންނަވާއިރު އެސަމިޓަށް ޙާޒިރުވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ގަލްފުގެ ހަމައެކަނި އިސް ދެ ލީޑަރުންނަކީ ކުވޭތުގެ އަމީރު ޝައިޚް ސަބާޙުލްއަޙްމަދުއްސަބާޙް އާއި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އާލްޘާނީއެވެ.