ނަރުހުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ހަރަކާތްތަކެއް
އދ. އަތޮޅު ހޮސްޕިޓަލްގައި މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ.
ބައިނަލްއަޤުވާމީ ނަރުހުންގެ ދުވަސް އދ. މަހިބަދޫ
އަތޮޅު ހޮސްޕިޓަލުގައި ފާހަގަ ކުރުމުގެ ގޮތުން އަންގާރަ ދުވަހު ހެނދުނު 8:30 ގައި
ބޭއްވި ރަސްމިއްޔާތުގައި ނަރުހުންގެ ދުވަހުގެ ކޭކު ފެޅުން އޮތެވެ. މި ކޭކު
ފަޅުއްވައިދެއްވީ އދ މަހިބަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛާ
އާމިނަތު ނިޔާޝާ އެވެ. މިރަސްމިއްޔާތުގައި ހޮސްޕިޓަލުގެ ނަރުހުންނާ މުވައްޒަފުން
އަދި ހޮސްޕިޓަލުގެ މެނޭޖަރ އަލްފާޟިލް އިބްރާހީމް އާދަމް ބައިވެރިވެ ލެއްވިއެވެ.
މި ރަސްމިއްޔާތުގައި ނަރުހުންގެ ފަރާތުން ވަނީ އެހޮސްޕިޓަލަށް
10,000/- ރުފިޔާގެ ރަމްޒީ
ޗެކް ހަދިޔާ ކޮށްފައެވެ. މިޗެކް
ހޮސްޕިޓަލާ ޙަވާލު ކުރެއްވީ ނަރސް އިންޗަރޖް އަލްފާޟިލާ ޙައްވާ ލީޒާއެވެ.
ހޮސްޕިޓަލުގެ ފަރާތުން މިރަމްޒީ ޗެކާއި ޙަވާލުވެލެއްވީ ހޮސްޕިޓަލްގެ މެނޭޖަރ
އަލްފާޟިލް އިބްރާހީމް އާދަމްއެވެ.
" މިއީ، ހޮސްޕިޓަލަށް އަންނަ ބަލި މީހުނަށް ފަރުވާދިނުމަށް ބޭނުން ކުރާ ބައެއް
ސާމާނު (ޓޫލްސް) ލިބުމުގެ ދަތިކަން ހުރުމާއެކު، ފަރުވާ ދިނުމުގައި ނަރުހުންނަށް
ދިމާވާ ދަތިކަން ކުޑަ ކުރުމަށް އެފަދަ ސާމާނު ގަތުމަށްޓަކައި ނަރުހުންގެ
މުސާރައިން އެއްކުރި ފައިސާގެ ފަންޑަކުން ދީފައިވާ އެހީއެއް." ޙައްވާ ލީޒާ
ފާހަގަ ކުރެއްވިއެވެ.
ހޮސްޕިޓަލް ހުޅުވި ފަހުން މިހާތަނަށް އެ
ހޮސްޕިޓަލްގެ ނަރުހުން ބޭނުންކުރުމަށް ޓޫލްސް ދެއްވާފައި ނުވާކަމަށް އެ ހޮސްޕީޓަލާ
ހަވާލާދީ އެރަށުގައި ހުންނަ ޕީއެސްއެމްގެ މުރާސިލު ބުނެއެވެ. މި ހޮސްޕިޓަލަކީ 7
އޭޕްރީލް 2003 ގައި ހުޅުވުނު ހޮސްޕިޓަލެކެވެ.
ނަރުހުންގެ ދުވަހުގެ މުނާ ސަބަތުގައި މިއަދު
ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި، ޕްރީސްކޫލްގެ
ހުރިހާ ދަރިވަރުންނަށް ސިއްޙީ ފަރުވާއާއި ގުޅުން ހުރި ކިޓެއް އެކުލެވޭ ހަދިޔާ
ދިނުމާއި، ސިއްޙީގޮތުން ރަނގަޅު އާދަތަކަށް ހޭލުންތެރި ކުރުވުމުގެ މަޢުލޫމާތު
ދިނުން ހިމެނެއެވެ. އަދި މިއަދު ހޮސްޕިޓަލަށް އައިސް ނަރުހުންގެ ޚިދުމަތް
(ނަރސިންގ ކެއަރ) ލިބިގަންނަ ކޮންމެ ބަލިމީހަކަށް ހަދިޔާއެއް ދިނުމަށްވެސް ވަނީ
ހަމަޖައްސާފައެވެ. މީގެ އިތުރުންވެސް، އިތުރު ބައެއް ހަރަކާތްތައް މިދުވަސް
ފާހަގަކުރުމަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވެއެވެ.