އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ކުރެވިދާނެ ކަންކަން ބަޔާންކޮށް މާލޭގެ ސްކޫލްތަކުގެ ދަރިވަރުން ރައްޔިތުންގެ މަޖިލީހަށް އިލްތިމާސެެއް ހުށައަޅައިފިއެވެ.
ޤިޔާސުއްދީންގެ ސްކޫލުން އިސްނަގައިގެން މާލޭގެ 16 ސްކޫލެއްގެ ދަިވަރުން މިއަދު ވަނީ ރައްޔިތުން މަޖިލީހަށް ގޮސް މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެޑައިގެންފައެވެ. އަދި ސްކޫލްތަކުގެ ދަރިވަރުން ހުށައެޅި ހުށައެޅުމާއި ހަވާލުވެޑައިގަތީވެސް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ސްކޫލްތަކުގެ ދަރިވަރުންވަނީ އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕާލިސްޓިކުގެ ނުރައްކާ ފާހަގަކޮށް، ޕްލާސްޓިކް ނައްތައިލުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑއިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެދިފައެވެ. އަދި 2025 ވަނަ އަހަރު އަންނައިރު ޕްލާސްޓިކު ނޫން ތިމާވެއްޓާ ރައްޓެހި ބާވަތް ބޭނުން ކޮށްގެން ބަންދުކޮށްފައި ހުންނަ މުދާ ރާއްޖެއަށް އެތެރެ ކުރުމަށް މަސައްކަތްކޮށްދިނުމަށްވެސް ދަރިވަރުން އެދިފައިވެއެވެ. އަދި ޕްލާސްޓިކުުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރާ އަސަރުކަތަކާއި ލިބޭ ގެއްލުންތައް ފާހަގަކޮށް ކަނޑާއި ފަޅުތައް ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންތައްތައްވެސް ދަރިވަރުން ހުށައެޅި އިލްތިމާސްގައި ބަޔާންކޮށްފައިވެއެވެ.
ދަރިވަރުން ހުށައެޅި މި ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ދަރިވަރުން ހުށައެޅި ހުށައެޅުމަށް މަޖިލީހުގެ ތަޅުމުގައި ބަހުސްއަށް ހުޅުވާލައްވާނެކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ކޮމިޓިގައި ހިމެނިވަޑައިގަންނަވާ މެންބަރުން ވަނީ، ރާއްޖޭގެ ތިމާވެށްޓާއި ގުޅުންހުރި މައްސަލަތަކުގައި މާލޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ކޮމިޓީން ރިޕޯޓެއް އެކުލަވާލާ، ޤަރާރެއްގެ ގޮތުގައި މަޖިލީހުގެ ރައީސްއަށް ފޮނުވުމަށް ނިންމާފައެވެ. އަދި މަޖިލީހުގެ ތަޅުމުން އެ ޤަރާރު ފާސްކުރުމަށް ހުށައެޅުމަށްވެސް ކޮމިޓިން ވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސްވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.
އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަކީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދައިމީ ކޮމިޓީއެއްގެ ގޮތުގައި ނަވާރަވަނަ މަޖިލީހުގައި އަލަށް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.