މޫސުން ގޯސްވުމުގެ ސަބަބުން ދިމާވެދާނެ ކާރިސާއަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކުޅުދުއްފުށީގެ މުވައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
މިއަދު މެންދުރުފަހު ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ސީއީއޯ ހިސާން ޙަސަން އާއި އެމްއެންޑީއެޕްގެ ނޮރަދ ރީޖަންގެ ކޮމާންޓަރުގެ އިތުރުން އެ އެތޯރިޓީގެ ބައެއް އިސް ބޭފުޅުންނާއި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އާއި ޑިޒާސްޓަރގެ މަސައްކަތްތަކާއި ގުޅުން ހުރި މުވައްސަސާތަކުގެ ވެރިން ބައިވެރިވެފައިވެއެވެ.
މި ބައްދަލުވުމުގައި ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި އުދައެރުމާއި ވައިގަދަވުން ފަދަ ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި އެފަދަ ހާދިސާތަކަށް އިޖާބަ ދިނުމާއި ދުރާލައި ތައްޔާރުވުމުގައި ކައުންސިލްތަކުގެ ދައުރާއި ރަށްރަށުގެ ޤާބިލިއްޔަތުތައް ދެނެގަތުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން ކުޅުދުއްފުއްޓަށް ގެނެސްފައިވާ ތަރައްގީގެ ބައެއް މަޝްރޫޢުތަކާއެކު ރަށުގެ ވެއްޓަށް ގެނެސްފައިވާ ބަދަލުތަކު ސަބަބުން ދިމާވާ ދަތިތަކާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. އެގޮތުން މަގު ހެދުމުގެ މަޝްރޫޢާއި އެއަރޕޯޓް މަޝްރޫއު ކުރިއަށްގެންގޮސްފައިވާގޮތުން ބޯކޮށް ވާރޭ ވެހިއްޖެނަމަ ރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުމަށް މަގުފަހިވާކަން އެންޑީއެމްސީން ވަނީ ފާހަގަކޮށްފައެވެ. އަދި ކުޅުދުއްފުށީގައި ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ހަރަކާތްތެރިވާ ފަސްޓް ރެސްޕޮންޑަރސްއަށް ހުރި ގޮންޖެހުންތަކާއި ކަމާގުޅުން ހުރި މުވައްސަސާތަކުގައި އެކަށީގެންވާ އިންސާނީ ވަސީލަތާއި އެހެނިހެން ވަސީލަތްތައްވެސް ނެތްކަން މި މަޝްވަރާގައި ފާހަގަކޮށްފައިވެއެވެ.