ދިވެހި ފިލްމީ އުދަރެހުގައި މިވަގުތު އެންމެ ގަދަޔަށް އަޑުހިފާލާފައިވާ އެއް ފިލްމަކީ "މާމުއި" އެވެ.
ބޮޑު ކާސްޓަކާއެކު ނެރުމަށް ތައްޔާރުވަމުންދާ މި ފިލްމަކީ ޑާކްރެއިން އެންޓެޓެއިންމަންޓްގެ ފަރާތުން މިއަހަރު ނެރޭ ދެވަނަ ފިލްމެވެ. ފިލްމުގެ އޮފިޝަލް ޓްރެއިލަރ މިދިޔަ އޭޕްރީލްމަހު އާއްމުންނަށް ދޫކޮށްލާފައިވާއިރު، އެ ޓްރެއިލަރއިންވެސް ޑާކްރެއިންގެ މިފަހަރުގެ ފިލްމުގެ ތަފާތުކަން ފެނިގެންދެއެވެ.
ޖުލައި އެއްވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "މާމުއި" އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ޚަަރަދެއްކޮށްގެން އުފައްދާ ފިލްމުކަން ޑާކްރެއިނުން ފާހަގަކޮށްފައިވެއެވެ. އަދި މިވަގުތު ކުރިއަށްދަނީ އެކި ޕްލެޓްފޯމްތަކުގައި މި ފިލްމް ޕްރޮމޯޓްކުރުމުގެ މަސައްކަތެވެ.
ފިލްމުގެ ޓްރެއިލަރއިންވެސް ދައްކުވައިދޭ ފަދައިން މި ފިލްމުގައި ދިވެހިންގެ މެދުގައި މަޝްހޫރުވެގެންދިޔަ ބައެއް ލަވަތަކުގެ ރީ-މޭކެއް ފެނިގެންދެއެވެ. މީގެ ތެރެއިން އެއްލަވަ މިހާރު ވަނީ އާއްމުކޮށްފައެވެ.
"ރޭ ރޭ މިހެން" މިއީ މިހާރު ދިވެހިންނަކަށް އައު ލަވައަކަށް ނުވާނެއެވެ.
އޮލިމްޕިއަންސްގެ ތެރެއިން ވިދާލި މަޝްހޫރު ލަވަކިޔުންތެރިޔާ މަޙުމޫދާ ޝަކީބުގެ އަޑުން ކިޔާފައިވާ މި ލަވައިއަކީ އަދިވެސް އަޑުއަހާލަން ހިތްގައިމު ލަވައެކެވެ. މި ލަވައިގެ ކަވަރ ވާޝަންތަކެއް އެކި ފަންނާނުންގެ އަޑުން އިވިފަައިވެއެވެ. އޭގެތެރެއިން އާމިނަތު ޝާނީގެ އަޑުން އިވިގެންދިޔަ ވާޝަނަކީވެސް ދިވެހިންނަށް ކަމުދިޔަ ވާޝަނެކެވެ.
"މާމުއި"ގެ ރަހަ އަނެއްކާވެސް ހެޔޮވަރުކޮށްދީފައިވަނީ "ރޭ ރޭ މިހެން" މި ލަވައާއެކުއެވެ. މިފަހަރު މީރާއާއި ޒުވާން ރެޕް-އާޓިސްޓް ޓޯއީގެ އަޑުންނެވެ. އަޑުއަހާލަން ހިތްގައިމު ބަނޑިތަކަކާއެކު ލަވައިގެ މިއުޒިކް ކޮމްޕޯސްކޮށްފައިވަނީ ޙުސެއިން ތަޢުފީޤެވެ. ގިނަ ބަޔަކަށް މި ލަވަ ކަމުގޮސްފައިވާއިރު، ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ވީޑިއޯއިންނެވެ.
ލަވަައިގެ ވީޑިއޯއިން މި ފިލްމުގައި ހަރަކާތްތެރިވާ ހުރިހާ ފަންނާނުންހެން ފެނިގެންދެއެވެ. ޑާކްރެއިންގެ ގިނަ ފިލްމްތަކެއް ޑައިރެކްޓް ކޮށްފައިވާ ޢަލީ ޝިފާޢު ޑައިރެކްޓްކޮށްފައިވާ މި ލަވައިގެ ސިނެމެޓޯގްރަފީ އާއި ވިޝުއަލް އިފެކްޓްސްގެ މަސައްކަތްކޮށްފައިވަނީ އަޙްމަދު ޝިނާނެވެ. މި ލަވަ މިހާރު ވަނީ ޔޫޓިއުބާއި ސައުންޑް ކްލައުޑްގެ އިތުރުން ބައިސްކޯފަށްވެސް އަޕްލޯޑުކޮށްފައެވެ.
ފަހުގެ ޒަމާނީ ރަހަތަކާއި ކުލަތަކާއެކު "ރޭ ރޭ" މި ލަވަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިވަނީ އާއްމުން ބަލައިގަނެ، ފޭވަރިޓް ލިސްޓުން ޖާގަހޯދާފައެވެ. މި ލަވައަކާއެކު ފިލްމަށް އާއްމުންގެ ސަމާލުކަން އިހުނަށްވުރެ ވަނީ ބޮޑުވެފައެވެ.
ޑާކްރެއިންއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސްއެވެ. ފުލުފުލުގައި ކާމިޔާބު އަދި އާއްމުން ބަލައިގެން ފިލްމުތަކެއް ޑާކްރެއިންގެ ފަރާތުން ވަނީ ސިނަމާއަށް ގެނެސްދީފައެވެ.
މާމުއިގެ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާއިރު، މި ފިލްމާމެދު ޑާކްރެއިން އެންޓެޓެއިންމަންޓުން ކުރާ އުއްމީދުވެސް ވަރަށް ބޮޑެވެ.