ސިއްހަތު

މިއަހަރުގެ މިހާތަނަށް ޑެންގީގެ 2400 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފި


މިއަހަރުގެ މިހާތަނަށް ޑެންގީގެ 2400 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 2485 ކޭސް ރިޕޯޓުކޮށްފައިވެއެވެ. ވޭތުވެދިޔަ ތިން އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު، މިއަހަރުގެ މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރަމުންދާ މިންވަރު އިތުރުވަމުންދާކަން އެޗް.ޕީ.އޭއިން ފާހަގަކޮށްފައިވެއެވެ. އެޗް.ޕީ.އޭގެ ރިކޯޑުތައް ދައްކާގޮތުން މޭ އަދި ޖޫންމަހު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ހދ، ރ. އަދި ދ. އަތޮޅުންނެވެ.

އެގޮތުން މޭމަހު ހދ. އަތޮޅުން 70 ޑެންގީ ކޭސް ރިޕޯޓުކޮށްފައިވާއިރު، މިމަހުގެ މިހާތަނަށް 31 ޑެންގީ ކޭސް ރިޕޯޓުކޮށްފައިވެއެވެ.

ޑެންގީ ހުމުގެ އިތުރުން މި އަހަރުގެ ޖެނެވަރީމަހުން ފެށިގެން ޖޫންމަހުގެ މިހާތަނަށް ޗިކަންގުންޔާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޗިކަންގުންޔާ ޖެހިގެން 1208 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މާލެއިން އެކަނިވެސް ޗިކަންގުންޔާގެ 379 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި އަތޮޅުތަކަށް ބަލާއިރު އެންމެ ގިނައިން ޗިކަންގުންޔާގެ ކޭސްތައް ރިޕޯޓުކޮށްފައިވަނީ ރ. އަދި ގއ އަތޮޅުންނެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ދުވަސްވަރެއްކަމުން، ޑެންގީއާއި ޗިކަންގުންޔާ ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް ކޮންޓްރޯލްކުރުމަށްޓަކާ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި، މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް އެޗް.ޕީ.އޭއިން ވަނީ އިލްތިމާސްކޮށްފައެވެ.