އަންހެން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ބޮޑު މޮޅެއް ހޯދީ ޓީމްގެ ރެކޯޑް އެމެރިކާއިން މުގުރާލައިފިއެވެ.
ފްރާންސްގައި މިހާރު ކުރިޔަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެމެރިކާ ކުޅުނު ފުރަތަމަ މެޗުގައި ރޭ ވަނީ ތައިލެންޑް ކޮޅަށް ތޭރަ ލަނޑު ޖަހާފައެވެ. މިއީ މިހާތަނަށް އަންހެން ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގެ މެޗެއްގައި އެންމެ ގިނަ ގޯލް ޖެހި މެޗެވެ.
އެމެރިކާއަށް އެންމެ ފަހުން އަންހެން ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ޖެހުނީ 1991 އަހަރު ޗައިނީޒް ޓައިޕޭ ކޮޅަށެވެ. އެއަހަރު އެމެރިކާއިން ވަނީ ހަތް ލަނޑު ޖަހާފައެވެ.
ރޭގެ މެޗުގައި އެމެރިކާއިން ޖެހި ތޭރަ ލަނޑުގެ ތެރެއިން ފަސް ލަނޑު ކާމިޔާބުކޮށްދިނީ، އެލެކްސް މޯގަންއެވެ. މެޗުގައި ތައިލެންޑްގެ ގޯލާ އަމާޒުކޮށް ވިހި ހަމަލާ އެމެރިކާއިން އުފެއްދި އިރު ތައިލެންޑަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އެމެރިކާގެ ކޯޗު ޖިލް އެލިސް ބުނީ، މުބާރާތުގެ ފުރަތަމަ މެޗުގައި މިހާ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ރެކޯޑެއް ހެދުމުން ވަރަށް ހިތްހަމަޖެހޭކަމަށެވެ.
އަދި މި މެޗުގައި އެމެރިކާއަށް ފަސް ލަނޑު ޖަހައިދިން އެލެކްސް މޯގަން ދެއްކި މޮޅު ކުޅުމަށް ކޯޗު ވަނީ ތަޢުރީފްކޮށްފައެވެ.
މި މެޗުގެ އިތުރުން ރޭ ނެދަލޭންޑްސް އެކެއް ސުމަކުން ނިއުޒިލޭންޑްގެ މައްޗަށް ކުރި ހޯދިއިރު، ސްވިޑެން ވަނީ ދޭއް ސުމަކުން ޗިލީ ބަލިކޮށްފައެވެ.