މާލޭ ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައި ހުރި ސްޓެލްކޯގެ ޕަމްޕް ސްޓޭޝަން ނެގުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ބަޔަކާ ހަވާލުކުރުމަށް ތައްޔާރުވަމުންދާކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސިނަމާލޭ ބްރިޖާ އިންވެގެން ތަރައްޤީކޮށްފައިވާ ރިންގްރޯޑުގެ މަސައްކަތަށް ސްވިމިންގ ޓްރެކް ސަރަޙައްދުގައި ހުރި ސްޓެލްކޯގެ ޕަމްޕް ސްޓޭޝަން ނެގުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ކުރުމަށް ނިންމާފައިއޮތީ، އޭރުގެ ހައުސިންގ މިނިސްޓްރީގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެންކަމަށެވެ. ނަމަވެސް އެ މަސައްކަތް ނުކުރެވި ދިގުލައިގެން ދިޔައީ، ޕަމްޕް ސްޓޭޝަން އެތަނުން ނަގައި، މާލޭގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވޭވަރުގެ ވަޞީލަތެއް މިނިސްޓްރީގައި ނެތުމުންކަމަށް އޭނާ ވިދާޅުވިއެވެ.
ޕަމްޕް ސްޓޭޝަން ނެގުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނުހާ އަވަހަކަށް އެ މަސައްކަތް އަލުން ފެށޭނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
ސްޓެލްކޯ ޕަމްޕް ސްޓޭޝަން ނަގައި، އެ ސަރަޙައްދުގެ މަގު ފުޅާކޮށް ތާރުއެޅުމަށް ފެށި މަސައްކަތް ސަރުކާރު ބަދަލުވި ހިސާބުން ހުއްޓިފައިވާކަމަށްބުނެ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރަށް ފާޑުވިދާޅުވެފައިވާއިރު، އެ މަސައްކަތް ހުއްޓެން ދިމާވީ އޭރުގެ ހައުސިންގ މިނިސްޓްރީގެ އިހުމާލުންކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވަނީ ތުޙުމަތުކުރައްވާފައެވެ.
ސިފާ ވިދާޅުވީ، ޕަމްޕް ސްޓޭޝަން ނެގުމުގެ މަސައްކަތް އޭރުގެ ހައުސިންގ މިނިސްޓްރީން ހުއްޓާލިއިރު، އެ އިމާރާތުގެ ކޮންކްރީޓްގަނޑު ތަޅާލުމަށްފަހު އެވެސް ނަގާފައިނުވާކަމަށާއި، ދަގަނޑުތައްވެސް މަގުމައްޗަށްވާގޮތަށް ބަހައްޓާފައިވާކަމަށެވެ. އެކަމުގެ ސަބަބުން އާއްމުންގެ ޝަކުވާ ބޮޑުވުމުން، ސިޓީ ކައުންސިލްގެ އެދުމުގެ މަތިން އެތަނުގައި ހުރި ދަގަނޑުތަކާއި ކޮންކްރީޓް ގައުތައް ނަގާފައިވަނީ ސްޓެލްކޯއިން ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.
ސްޓެލްކޯ ޕަމްޕް ސްޓޭޝަން ނެގުމުގެ މަސައްކަތް ކުރަމުންދާއިރު، ހުޅުލޭ ފެރީ ޓިކެޓް ވިއްކުމަށް ޕޯސްޓް އޮފީސް ކައިރި ބަހައްޓާފައިހުރި ޓިކެޓް ކައުންޓަރު ނެގުމުށް އެތަން ހިންގި ފެރީ އެސޯސިއޭޝަނަށް މިހާރު އަންގާފައިވާކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.