ސްވިޑްން އަތުން 3-0އިން މޮޅުވެ ޔޫރޯ ކޮލިފައިންގައި ސްޕޭން ހަމަޖެހިލައިފިއެވެ.
މި މެޗުގައި ސްޕޭނުން ޖެހި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ ޕެނަލްޓީއިންނެވެ.
ރެއާލް މެޑްރިޑުގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު 65 ވަނަ މިނިޓްގައި ޖެހީ ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. މިއީ ސްޕޭންގެ ގައުމީ ޓީމަށް އޭނާ ކުޅެދިން 165 މެޗުން ޖެހި 20 ވަނަ ލަނޑެވެ. އުމުރުން މިހާރު 33 އަހަރުގެ ޑިފެންޑަރަކީ މިވަގުތު ސްޕޭން ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާވެސްމެއެވެ.
މެޗުގެ ދެ ވަނަ ލަނޑު ޖެހީ 85 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާއެވެ. އޭގެ ދެ މިނެޓް ފަހުން ތިން ވަނަ ލަނޑު ޖެހީ އެޔަޒަބަލްއެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
މި ނަތީޖާއާއެކު ސްޕޭން އޮތީ ގްރޫޕް އެފްގެ އެއްވަނާގައެވެ. އެއީ 12 ޕޮއިންޓާއެކުއެވެ. ދެ ވަނާގައި ހަތް ޕޮއިންޓާއެކު އޮތީ ސްވިޑެންއެވެ.