ސިޔާސީ

މަގޫދޫއިން ގޯތި ދޫކުރުން އަލުން އިޢުލާންކުރުމަށް އޭސީސީން އަންގައިފި


ފ.މަގޫދޫއިން ގޯތި ދޫކުރުމަށް އެކުލަވާލި އުސޫލާ ޚިލާފަށް ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވިފައިވާތީ އަލުން ގޯތި ދޫކުރުމަށް އިޢުލާނު ކުރުމަށް ފ.މަގޫދޫ ކައުންސިލްގެ އިދާރާއަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގަވައިފިއެވެ.

ފ.މަގޫދޫއިން ގޯތިދޫކުރުމާ ގުޅޭ ގޮތުން އޭސީސީއަށް ހުށައަޅާފައިވާ މައްސަލަ އެ ކޮމިޝަނުން ތަޙުޤީޤުކުރުމަށްފަހު ޢާންމުކުރި ބަޔާނުގައި ވިދާޅުވީ، މަގޫދޫއިން ގޯތި ދިނުމަށް 2016ވަނަ އަހަރުގެ ތެރޭގައި ކުރި އިޢުލާނާ ގުޅިގެން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބުނުކަމުގެ ލިޔުން 2017ވަނަ އަހަރުގެ ތެރޭގައި އެފަރާތްތަކަށް ދޫކުރުމަށްފަހު އެ ނިންމުންތަކަށް މިއަހަރު އަހަރު ތެރޭގައި ވަނީ ބަދަލު ގެނެސްފައިކަން އެކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ.

2017ވަނަ އަހަރު ނިންމާފައިވާ ނިންމުންތަކަށް ބަދަލުގެނެސް ގޯތި ލިބޭ ފަރާތްތައް އަލުން ކަނޑައެޅުމުގެ ސަބަބުން އޭރު ގޯތި ލިބުނުކަމަށް ލިޔުން ޙަވާލުކުރި ބައެއް ފަރާތްތައް އަލުން އިޢުލާންކުރި ލިސްޓުގައި ނުހިމެނި އެމީހުންގެ ބަދަލުގައި އެހެން ފަރާތްތަކެއް އެލިސްޓުގައި ހިމަނާފައިވާކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ.

ތާރީޚު ނުވަތަ މުއްދަތު ބަލަންޖެހޭ ތަންތަނުގެ ތެރެއިން މީހާގެ ޢުމުރާއި، ކާވެނިކުރި ތާރީޚާއި، ޝަރުޢީގޮތުން މީހަކު ނުވަތަ ކުއްޖަކު ބަލަންޖެހުނު ތާރީޚާއި، އެހެން ރަށެއްގައި ދިރިއުޅޭ މުއްދަތު ފަދަ ކަންކަމުގައި ތާރީޚު ބަލާނީ ގޯއްޗަށް އެދި ފޯމު ހުށަހަޅަން ކުރާ އިޢުލާނުގައި ފޯމު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ތާރީޚާ ހަމައަށް ކަމަށް ގުޅޭ ގޯތި ދިނުމުގެ އުސޫލުގައި ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް ގޯތި ދޫކުރުމުގައި ޕޮއިންޓް ދީފައިވާ ގޮތަށް އެންމެ ގިނަ ބަދަލުތަކެއް ގެނެސްފައިވަނީ ޢުމުރުގެ ބަޔަކަށްކަން ފާހަގަކުރެވިފައިވާކަމަށާ އެކަންކަމަށް އެބަދަލު ނުގެނެވޭނެކަމަށް އޭސީސީން ވަނީ ވިދާޅުވެފައެވެ.

ގޯތި ދޫކުރުމުގެ ހުއްދަ މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީން ކައުންސިލަށް ދީފައިވަނީ 24 މޭ 2016 ގައި ކަމަށާއި، އެ ހުއްދަ ބާޠިލުކޮށްފައިވާކަން ވިދިގެން އައި ދުވަހު އެއޮތޯރިޓީން ކައުންސިލަށް އަންގާފައިވާކަމަށް އޭސީން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ގޯތި ދިނުމަށް ކައުންސިލުން އިޢުލާންކޮށްފައިވަނީ 14 ޖުލައި 2016 ގައި ކަމަށްވާތީ، ގޯތި ދިނުމަށް އިޢުލާންކޮށްފައިވަނީ އެ ހުއްދަ ބާޠިލުކުރި ފަހުންކަން ފާހަގަކުރެވިފައިވާކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

ގޯއްޗަށް އެދި ހުށަހެޅި ފޯމުތައް އަލުން ރިވިއުކޮށް ޕޮއިންޓް ދީފައިވަނީ ގޯއްޗަށް އެދި ފޯމު ލާފައިވާ މީހުންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމުގެ ޙާލަތަށް ބަދަލުތަކެއް އައިސްފައިވާތީ ކަމަށް ގޯތި ދޫކުރުމަށް އެކުލަވާލި ކޮމިޓީން ފާހަގަކޮށްފައިވާކަމަށް އޭސީސީން ވިދާޅުވެފައިވެއެވެ. އަދި ގޯއްޗަށް އެދުނު މީހުންގެ ދިރިއުޅުމުގެ ޙާލަތަށް ބަދަލު އައިސްފައިވާ ފަދައިން ގޯއްޗަށް އެދިފައިނުވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތަށްވެސް ބަދަލުތަކެއް އައިސްފައިވާނެތީއާއި، އެފަހަރު ގޯއްޗަށް އެދިފައިނުވާ ބައެއް ފަރާތްތަކުންވެސް މިހާރު ގޯތި ބޭނުންވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، ކުރިން ކުރި އިޢުލާން ބާޠިލުކުރުމަށްފަހު ގޯތި ދިނުމަށް އަލުން އިޢުލާނުކުރުމަށްވެސް އޭސީސީން ވަނީ މަގޫދޫ ކައުންސިލް އިދާރާއަށް އަންގަވާފައެވެ.