ޅ މާބިންހުރާ މައްސަލާގައި ސުޕްރީމް ކޯޓުން ނެރޭ ޙުކުމް ވެގެންދާނީ ކްރިމިނަލް ކޯޓުން ނުބަލާ ފޮނުވާލި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްސަލަތަކުގައި ޕީޖީން ޢަމަލުކުރާނެ ގޮތެއް ކަނޑައެޅިގެންދާނެ ނިންމުމެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝަމް ވިދާޅުވެއްޖެއެވެ.
ޅ.މާބިންހުރާއިން ދައުލަތަށް ލިބެންޖެހޭ 5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ކުށް ސާބިތުބެ 8 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލްކޯޓުން އަހްމަދު އަދީބުގެ މައްޗަށް ކުރި ހުކުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލާ ރައީސް ޔާމިން އަވަހާރަކޮށްލަން މަސައްކަތްކުރި މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައި އޮތް 15 އަހަރުގެ ޖަލު ޙުކުމްވެސް ހައިކޯޓުން ވަނީ ބާޠިލްކޮށްފައެވެ. އަދި ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި 10 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ ހަސަން ރިކާޒާއި އަހުމަދު އާމިރުގެ ޙުކުމްތައްވެސް ހައިކޯޓުން ވަނީ ބާޠިލްކޮށްފައެވެ.
މި ހުރިހާ މައްސަލަތަކެއް އަލުން ބެލުމަށް ހައިކޯޓުން އަމުރުކުރި ނަމަވެސް އެ މައްސަލަތައް ނުބަލާން ކުރިމިނަލްކޯޓުން ނިންމާ އެ މައްސަލަތައް ވަނީ އަނބުރާ ޕީޖީއަށް ފޮނުވާލާފައެވެ. އެ ދެ މައްސަލައާއި އެކު ކުރިމިނަލްކޯޓަށް ހުށައަޅާފައިވާ އަދީބުގެ ހުރިހާ މައްސަލަތައްވެސް ކުރިމިނަލްކޯޓުން ވަނީ ޕިޖީ އޮފީހަށް ފޮނުވާލާފައެވެ. އަދި މިއާއެކު ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ޓެރަރިޒަމްގެ ކުށުގައި 10 އަހަރަށް ޖަލަލަށްލާފައި ތިބި އަދީބުގެ ކުރީގެ ދެ ބޮޑީ ގާޑުންވަނީ މިމަހުގެ ތިންވަނަ ދުވަހު މިނިވަންވެފައެވެ.
މާބިންހުރާގެ ޚިޔާނާތުގެ މައްސަލާގައި އަދީބުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކުރިއިރު ހަމަ އެ މައްސަލާގައި އަދީބުގެ ގާތް އެކުވެރިންކަމަށްވާ އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލް އަށް ދަށުކޯޓުން އިއްވި ޙުކުމަށް ހައިކޯޓުން ވަނީ މީގެ ކުރިން ތާއީދުކޮށްފައެވެ.
ޅ މާބިންހުރާގެ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ޙުކުމް ހައިކޯޓުން ބާތިލު ކުރުމުން ޕީޖީ ވަނީ އެ މައްސަލަ މިދިޔަ ހޯމަދުވަހު ސުޕްރީމްކޯޓުގައި އިލްތިމާސްކޮށްފައެވެ.
އަދީބާއި ގުޅުން ހުރި ހުރިހާ މައްސަލަތަކެއް ކުރިމިނަލްކޯޓުން އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލުމުން ބައެއް މީހުން ދަނީ އެކަމާއި ސުވާލު އުފައްދަމުންނެވެ. ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ޕީޖީ ބިޝާމް ވިދާޅުވީ، އެ އޮފީހުން މިހާރު ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ގޮތެއް ނިންމުމުން ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލި މައްސަލަތަކާއ މެދު ދެން އަމަލުކުރަންވީ ގޮތެއް ސާފުވެގެންދާނެކަމަށެވެ.
ބިޝާމް ވިދާޅުވީ، ހައިކޯޓްގެ ނިންމުމުގައި 1 ފެބުރުއަރީ ޢަމުރުގައި މިނިވަންކުރަން އަމުރުކުރި 9 މީހުންގެ މައްޗަށް ޙުކުމްތައް އައިސްފައިވަނީ ފަނޑިޔާރުގެއަށާއި ތަހުޤީޤުކުރާ ފަރާތްތަކަށް ނުފޫޒް ފޯރުވައިގެންކަމަށް ބުނެފައިވާކަމަށާއި، އޭގެތެރޭގައި އަދީބް ހިމެނޭއިރު ސުވާލު އުފެދޭ ގިނަ ކަންކަން އެބަހުރިކަމަށެވެ.
"އަދީބާ ހާމިދު އިސްމާޢީގެ މައްޗަށް އެއް ތަޙުޤީޤެއްގެ މައްޗަށް ބިނާކޮށް ދައުވާކުރީ. މިސާލަކަށް ޒިޔަތުގެ ނަމެއް 1 ފެބުރުއަރީ އަމުރުގައި ނެތް. އެކަމު އެ ތަޙުޤީޤުގެ މައްޗަށް ބިނާކޮށް ޒިޔަތުގެ މައްޗަށްވެސް ދައުވާއެއްކޮށްފައިވާނީ. އަދި ޙުކުމްވެސް އައިސްފައިވަނީ. އަނެއްކާ ދަށުކޯޓުންކުރި ހަމަ ޅ.މާބިންހުރާ މައްސަލާގަައި ކުރި ޙުކުމް ހައިކޯޓުން އެ އޮތީ ދަމަހައްޓާފަ. އެހެންވީމަ ހައިކޯޓުން މި ވިދާޅުވާ އެއްޗެއް ދެކޮޅެއް ނުޖެހޭ އަޅުގަނޑު މި ދަންނަވަނީ " ޕީޖީ އައިޝަތު ބިޝާމް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ ޒިޔަތާއި ދެކޮޅަށްވެސް ކުރީ އެއް ތަހުޤީގެއް މައްޗަށް ބިނާކޮށް އެ ދައުވާއެއް ކަމަށާއި އެހެންނަމަވެސް ފެބްރުއަރީ އެކެއްގެ އަމުރުގައި ޒިޔަތުގެ ނަން ނެތުމުން އެނާގެ މައްޗަށް ިއއްވި ޙުކުމާއި ކުރި ތަހުޤީގުތަކަށް ނުފޫޒު ފޯރުވާފައިވާކަމަށް ނުވިކަމަށެވެ. އަދި ނިންމުމެއް ބާތިލުވާއިރު އެ ނިންމުމަށް ވާސިލުވާ ބޭނުންކުރި ސަބަބުތައް ބާތިލު ނުވެ އޮންނާނެތޯ ސުވާލު އުފެދޭކަމަށްވެސް ބިޝާމް ވިދާޅުވިއެވެ.
" ޒިޔަތުގެ ނަން 1 ފެބުރުއަރީ އަމުރުގައި ނެތީމަ އެ މައްސަލާގައި ހުކުމް އައިސްފަ އޮތީ މިސާލަކަށް ފްރޯޑް އިންވެސްޓިގޭޝަނަކާއި ނުފޫޒް ފޯރާފައި އޮތް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަކާ ނޫފޫޒް ފޯރާފައި އޮތް ފަނޑިޔާރު ގެއަކަކަށް ނުވި. އެކަމަކު އަދީބުގެ ނަން އެ 9 ފަރާތުގެ ތެރޭގައި ހިމެނުނީމަ އެ ސަބަބު މި ދައްކަވަނީ. އަދި އެބޭފުޅުން ވިދާޅުވޭ އެ ބައި ބާތިލު ނުކޮށޭ އޮންނަނީ 1 ފެބުރުއަރީ އަމުރުގައި. އަޅުގަނޑު ޤަބޫލުކުރަނީ އޭގަވެސް ހަމަ މިސާލަކަށް އެ ނުފޫޒް ފޯރުވާފަކަމަށް އެ ބުނާ ސަބަބަކީ އެ 9 މީހުން ވަގުތުން ދޫކޮށްލާފަ ޤާނޫނީ އިމުގެ ތެރެއިން ބަލަން ބުނެފައި އޮންނަ ސަބަބު އަސްލު އެއީ. އެހެންވެއްޖާ އެ ޑިޒިޝަން ބާތިލުވާއިރު އެއަށް ވާސިލުވާން ބޭނުންކުރި ސަބަބު ބާޠިލް ނުވެ އޮންނާނެތޯ އެއީ ހަމަ ސުވާލުކުރަންޖެހޭކަމެއް." ޕީޖީ ބިޝާމް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ މާބިންހުރާ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުން އަނބުރާ ފޮނުވާލި މައްސަލަތަކަށް ހައްލެއް ލިބި ނުވަތަ ޕީޖީން ޢަމަލުކުރާނެ ގޮތެއް ކަނޑައެޅިގެންދާނެކަމަށެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މައްޗަށް ދައުވާކުރާ މައްސަލަތައް އަނބުރާ ފޮނުވާލުމުގައި ކުރިމިނަލްކޯޓުން ބުނެފައިވަނީ އެ ދައުވާތައް ފޮނުވާލީ މިހާރު އެ ދައުވާތައް އުފުލާފައި ހުރި ގޮތަށް ކަންކަން ކުރިއަށް ގެންދިއުން ގާނޫނީ ގޮތުން ސައްހަ ނުވާނެތީކަމަށެވެ.
ފިނިފެންމާ ލޯންޗް މައްސަލާގައި ހިންގި ތަހުގީގަކީ ގާނޫނު އަސާސީ އާއި ބައިނަލް އަޤްވާމީ މިންގަޑުތަކާއި ޚިލާފަށް ހިންގާފައިވާ ތަހުގީގެއްކަން ހައިކޯޓުްގެ ނިންމުމުން ބެލެވޭ ކަމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުގެ މަޖިލީހުގެ އަޣުލަބިއްޔަތުން ނިންމި ނިންމުމުގައިވެއެވެ. އަދި އަދީބުގެ މައްޗަށް ދައުވާކޮށް އެހެން މައްސަލަތަކުގައިވެސް ސައްހަ އިޖްރާއާތުތަކުގެ ތެރެއިން ތަހުގީގު ކުރުމެއް ނެތި އެ މައްސަލަތައް އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ގޮތުން ސައްހަ ނުވާނެ ކަމަށްވެސް ކުރިމިނަލްކޯޓުން ވަނީ ބުނެފައެވެ.
އަދީބުގެ މައްޗަށް އެކި މައްސަލަތަކުގައި އިއްވި 33 އަހަރުގެ ޖަލު ހުރިހާ ހުކުމެއް މިހާރުވަނީ ބާތިލުވެފައެވެ.