ޚަބަރު

ނޭޕާލުގައި ތިބި ދިވެހިން ގެނައުމަށް ހާއްސަ ފްލައިޓެއް ފޮނުވަނީ


މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު ނޭޕާލަށް ކުރިމަތިވި ބިންހެލުމުގެ ހާދިސާތަކާ ގުޅިގެން، ނޭޕާލްގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން މިވަގުތު ރާއްޖެ އަންނަން އެދޭ ފަރާތްތައް ރާއްޖެއަށް ގެނައުމަށްޓަކައި މޯލްޑިވިޔަންގެ ޚާއްޞަ ފްލައިޓެއް ނޭޕާލަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނިންމަވައިފިއެވެ.ރައީސް އޮފީހުގެ ތަރުޖަމާން އަބުދުﷲ މުއާޒް އަލީ ވިދާޅުވީ ، ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިއަދު ފްލައިޓް ކަތަމަންޑޫއަށް ދިއުމަށްފަހު އެތަނުގައި ތިބި ދިވެހިން މިއަދުން މިއަދަށް ގެނައުމަށް ކަމަށެވެ. އެހެން ކަމުން ފޮރިން މިނިސްޓްރީން މިހާރު ނޭޕާލުގައި ތިބި ހުރިހާ ދިވެހިން ކަތަމަންޑޫއަށް ގެނައުމުގެ މަސައްކަތް ކުރަމުން ދާކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެއްވައެވެ.ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު އިނާޔާ  ވިދާޅުވީ މިނިސްޓްރީން މިހާރު ފްލައިޓް މެންދުރުފަހު ފުރުވާލުމަށްޓަކައި ބޭނުންވާ ހުރިހާ ކްލިއަރެންސްތަކެއް ފުރިހަމަކުރަމުންދާކަމަށެވެ. އަދި މިވަގުތު ނޭޕާލްގެ އެކި ސަރަހައްދުތަކުގައި ތިބި ހުރިހާ ދިވެހިންތައްވެސް ކަތަންމަންޑޫއަށް ގޮސް އެއްތަނަނެއްގައި ތިބުމަށް އެދޭކަމަށެވެ.އިނާޔާ ވިދާޅުވީ ނޭޕާލްގައި ގާތްގަޑަކަށް ސަތޭކަ ދިވެހިން ދިރިއުޅޭކަމަށް ލަފާކުރެއްވޭކަމަށެވެ.ސަރުކާރުން ހަމަޖެއްސެވި މި ޚާއްޞަ ފްލައިޓްގެ ކަންކަން ހަމަޖައްސަވާފައިވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ދީލަތި އެހީތެރިކަމާއެކުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއްވައެވެ.