ނޭޕާލަށް ހޮނިހިރު ދުވަހު އައި
ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2500 އަރައިފިއެވެ.
މި ހާދިސާގައި ޙާލުގައި ޖެހިފައިވާ
މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާއިރު،
އިމާރާތްތަކުގެ ދަށުގައި ބަންދުވެފައިވާ މީހުން ސަލާމަތްކުރުމަށްވެސް ގިނަ
އަދަދެއްގެ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.
ހޮނިހިރު ދުވަހުގެ މެންދުރުގެ
ވަގުތުގައި އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި
ޒަޚަމްވި މީހުންގެ ޢަދަދު މިހާރުވަނީ 5900 އަށްވުރެއް މައްޗަށް އަރާފައިވާކަމަށް
އޭޕީ ބުނެއެވެ.
ނޭޕާލަށް މި އައި ރިކްޓަރ މިންގަނޑުން 7.9
ގެ ބާރުގަދަ ބިންހެލުމަށްފަހު، އެ ސަރަހައްދަށް އާދީއްތަ ވިލޭރެޔާއި އާދީއްތަ
ދުވަހުވެސް ދަނީ ގިނަ ލޮޅުންތަކެއް އަންނަމުންނެވެ.
އާދީއްތަ ދުވަހު ނޭޕާލަށް އައި
ބާރުގަދަ އިތުރު ލޮޅުމެއް ރެކޯޑް ކުރެވިފައިވަނީ ރިކްޓަރ މިންގަނޑުން 7.6 ގައެވެ.
މިފަދަ ބާރުގަދަ ލޮޅުންތަކާއި
ގުޅިގެން، ވެރިރަށް ކަތްމަންޑޫގެ ގިނަ ރައްޔިތުން މިހާރު ތިބީ އިމާރާތްތަކުން
ނިކުމެ، މަގުތަކާއި ހުސް ބިންތަކާއި، ސްކޫލް ފަދަ އިމާރާތްތަކުގައެވެ.
ހޮނިހިރު ދުވަހުގެ ބިންހެލުމުގައި
ކަތްމަންޑޫގެ ގިނަ އިމާރާތްތަކެއްވަނީ ބިމާހަމަވެފައިވާއިރު، ކަތްމަންޑޫގެ ގިނަ
ސަރަހައްދުތަކުގައި ކަރަންޓާއި ފެނުގެ ޚިދުމަތްވެސްވަނީ ކެނޑިފައެވެ. އަދި
މިހާރުވަނީ ކާބޯތަކެއްޗާއި ސާފު ބޯފެން ހުސްވެދާނެކަމުގެ ބިރުވަނީ ހީވެފައެވެ.
މިކަމާއި ގުޅިގެން ބައެއް
ސަރަހައްދުތަކުގައި ލޫޓުވުމާއި ވައްކަންކުރުމުގެ ހާދިސާތައްވަނީ އިތުރުވެފައެވެ.
ނަމަވެސް، ޙާލުގައި ޖެހިފައިވާ އެތައް
ހާސް ބަޔަކަށް ކާނާއާއި ސާފުބޯފެން އަދި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގިނަ
ބަޔަކުދަނީ މަސައްކަތް ކުރަމުންނެވެ.
ޙާލުގައި ޖެހިފައިވާ މީހުންނާއި
އިމާރާތްތަކުގެ ދަށުގައި ބަންދުވެފައިވާ މީހުން ސަލާމަތްކުރުމުގެ
މަސައްކަތްތަކުގައި ނޭޕާލްގެ އޮފިޝަލުންގެ އިތުރުން ބޭރު ޤައުމުތަކާއި، އިންސާނީ
އެހީދޭ ޖަމްއިއްޔާތަކުގެ ޓީމްތަކުންވެސް ދަނީ މަސައްކަތްކުރަމުންނެވެ.
މި މަސައްކަތްތަކުގައި އެހީތެރިވުމަށް
އިންޑިޔާއިންވަނީ ހެލިކޮޕްޓަރާއި މީހުން ސަލާމަތްކުރާ ޓީމްތައް ފޮނުވާފައެވެ.
އިންޑިޔާއިންވަނީ ބޭސްފަރުވާގެ ސާމާނުވެސް
ކަތްމަންޑޫއަށް ފޮނުވާފައެވެ.
އިންޑިޔާގެ އިތުރުން، ކަތްމަންޑޫގައި
މިހާރު ހަރަކާތްތެރިވާ ޓީމްތަކުގެ ތެރޭގައި އެމެރިކާއާއި، އިނގިރޭސިވިލާތް އަދި
ޕާކިސްތާނުގެ ޓީމްތަކާއި، އިންސާނީ އެހީދޭ ޖަމްއިއްޔާތައްކަމަށްވާ ރެޑް ކްރޮސް،
އޮކްސްފެމް އަދި ޑޮކްޓަރސް ވިތްއައުޓް ބޯޑަރސް ހިމެނެއެވެ.
އިއްޔެ އައި ބާރުގަދަ ބިންހެލުމާއި
ގުޅިގެން ނޭޕާލްގެ މައުންޓް އެވަރެސްޓް ސަރަހައްދަށް އައި ލޮޅުންތަކުގައި
ކުރިމަތިވި އައިސް ފޭބުމުގެ ހާދިސާތަކުގައި ހާލުގައި ޖެހިފައިވާ މީހުން
ސަލާމަތްކުރުމަށްވެސް ޓީމްތައް ދަނީ މަސައްކަތް ކުރަމުންނެވެ.
އައިސް ފޭބުމުގެ ހާދިސާތަކުގައި އަށާރަ
މީހުން މަރުވެފައިވާއިރު، އިތުރު ސާޅީހަކަށް މީހުންވަނީ ޒަޚަމްވެފައެވެ.
މައުންޓް އެވަރެސްޓްގައި ހާލުގައި
ޖެހިފައިވާ ފަތުރުވެރިންނާއި ނޭޕާލް ރައްޔިތުން ސަލާމަތްކުރުމަށް ހެލިކޮޕްޓަރުތައް
ބޭނުންކޮށްގެން މަސައްކަތް ފަށާފައިވަނީ ހާދިއްތަ ދަވަހު ހެނދުނުއެވެ.
ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ،
ނޭޕާލަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސްވަރެކެވެ.
ކަތްމަންޑޫގައި 2.5 މިލިޔަން
ރައްޔިތުން ދިރިއުޅެއެވެ.
ނޭޕާލަށް މިއައި ބިންހެލުމަކީ ފާއިތުވި 80 އަހަރުގެ ތެރޭގައި ނޭޕާލަށް އައި
އެންމެ ބާރުގަދަ އަދި ނުރައްކާތެރި ބިންހެލުމެވެ.