ޤައުމީ ފުޓްބޯޅަ ޓީމްގެ ގޯލްކީޕަރު މުޙައްމަދު ފައިސަލް ދަ ގްރާންޑޭއަށް ސޮއިކޮށްފިއެވެ.
މިދިޔަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާ ދަ ގްރާންޑޭއަށް ސޮއިކުރުމުގެ ކުރިންވަނީ ގިނަ ކުލަބުތަކަކާއި މަޝްވަރާކޮށްފައިއެވެ. ސީޒަން ފަށަން ދިހަ ދުވަހަށް ވެފައިވާއިރު، ފައިސަލްއަކީ އިއްޔެއާއި ހަމައަށް ކުލަބެއް ނެތި ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ. މިދިޔަ ސީޒަންގައި ފައިސަލް ކުޅުނީ ނިއުރޭޑިއަންޓަށެވެ. އޭވައިއެލްއިން ކުލަބު ކެރިއަރުފެށި ފައިސަލްވަނީ ކުލަބު ވެލެންސިޔާ، ވިކްޓްރީ ސްޕޯޓްސް ކުލަބު އަދި ކުލަބު އީގަލްސްގެ ގޯލުގައިވެސް މޮޅު ކުޅުމެއް ދައްކާފައިއެވެ.
ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ދަ ގްރާންޑޭއިން ތައްޔާރުވަމުންދަނީ މާޒިޔާގެ ކުރީގެ ކޯޗު އިސްމާއިލް މަހްފޫޒާއިއެކުއެވެ. އެކުލަބުންވަނީ ފުރަތަމަ ޑިވިޝަންގައި މީގެ ކުރިން ކުޅެފައިވާ މަޝްހޫރު ކުޅުންތެރިންގެ ސޮއިވެސް ހޯދާފައިއެވެ. އޭގެ ތެރޭގައި ޑިފެންޑަރ މުޙައްމަދު ރަޝީދު، މާޒިޔާއަށް މިދިޔަ ތިން އަހަރު ކުޅުނު އަހުމަދު އިމާޒު އަދި ޔަސްފާދު ހަބީބު ފާހަގަކޮށްލެވެއެވެ. ކުރިއަށް އޮތް ސީޒަނުގައި ދަ ގްރާންޑޭގެ އަމާޒަކީ ގަދަ ހަތަރެއް ކަމަށް އެކުލަބުންވަނީ ބުނެފައިއެވެ.