ވިޔަފާރި

ދަތުރުވެރިންގެ މާރުކޭޓްގައި ވިޔަފާރި ދަށްވެއްޖެ


ރަމަޟާންމަސް ނިމުމަކާއި ގާތްވެފައިވާއިރު، ދަތުރުވެރިންގެ މާރުކޭޓްގެ ވިޔަފާރި ދަށްވެފައިވާކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދިން ހުރިހާ ވިޔަފާރިވެރިންވެސް ބުނެފައިވަނީ މިދުވަސްކޮޅު ވިޔަފާރިދަށްކަމަށެވެ.

ރަމަޟާންމަސް ފެށުނުއިރު ވިޔަފާރި ރަނގަޅުވި ނަމަވެސް ރަމަޟާންމަސް ނިމުމަކާއި ގާތްވެފައިވާއިރު ވިޔަފާރި %75 ދައްވެފައިވާކަމަށް ގޮޅިތަކުގައި ތަކެތި ވިއްކާ މީހުން ބުނެއެވެ.

ވިޔަފާރިވެރިން ބުނީ ޖުމްލަކޮށް އެހެން މަސްމަހުގެ ވިޔަފާރިއަށްވުރެ، މި ރަމަޟާންމަހު ވިޔަފާރިދަށްކަމަށެވެ. މިއީ މި ފަހަކަށްއައިސް އެންމެ ވިޔަފާރިދަށް ރަމަޟާންމަސް ކަމަށް ވިޔަފާރިވެރިން މައުލޫމާތުދެއެވެ.

ވިޔަފާރި މިހާބޮޑަށް ދަށްވުމުގެ ސަބަބެއްކަމަށް ވިޔަފާރިވެރިން ބުނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި މާރުކޭޓްތައް ގިނަވުމުގެ ސަބަބުންނެވެ. އަދި މިދުވަސްކޮޅަކީ މަހުގެ ފަހުކޮޅުކަމަށް ވުމީވެސް ވިޔަފާރި ދަށްވުމުގެ އަސްލެއްކަމަށް ބެލެވޭކަމަށް ވިޔަފާރިވެރިން ބުނެއެވެ.

ރަމަޟާންމަސް ފެށުނުއިރު މާލޭ ދަތުރުވެރިންގެ މާރުކޭޓްގައި އަގުތައް އުފުލުނު ބައެއް ތަކެތީގެ އަގުތައް މިހާރު ވަނީ ދަށްވެފައެވެ. ރަމަޟާންމަސް ފެށުނުއިރު އަގު އެންމެ ބޮޑަށް އުފުލިފައިވަނީ ކަނދޫދޫ މިރުހުގެއެވެ. މިހާރު ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ކަރައެވެ. ކަރާ ކިލޯއެއްގެ އަގު މިހާރު ހުރީ 25 ރުފިޔާއަށެވެ. ރަމަޟާންމަސް ފެށުނުއިރާއި އަޅާބަލާއިރު އަދިވެސް އަގު ދަށްނުވެ ހިފެހެއްޓިފައިވަނީ ޕެޝަންފުރުޓެވެ. ދަތުރުވެރިންގެ މާރުކޭޓުގައި މިހާރު ޕެޝަން ފުރުޓު ކިލޯއެއްގެ އަގުހުރީ 80 ރުފިޔާގައެވެ.