ޚަބަރު

ސީރިޔާގެ ކުޑަކުދިން މިފަހަރު އީދު ހަދިޔާއަށް ބޭނުންވީ ކޯއްޗެއްބާ؟


ބަރަކާތްތެރި ރަމަޟާމް މަސް ނިމި އަޅުގަނޑުމެން ކުރިމަތިލާ ފިތުރު ޢީދަކީ ރަމަޟާން މަހުގެ އަޅުކަން ފުރިހަމަކުރުމަށްފަހު މުސްލިމުން އުފާފާޅުކުރާ ދުވަހެވެ.

ޢީދުގެ އުފާ ފާޅުކުރުމަށް އަތުގައި އޮތް އެންމެ ރީތި ފޭރާން ލައިގެން ޢީދުނަމާދަށް ހުރިހާ މުސްލިމުން ދާތަން ފެނެއެވެ. މި އުފާވެރި ދުވަސް ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު ގިނަ ގޮތްގޮތަށް ފާހަގަކުރެއެވެ. އެގޮތުން ގާތް ތިމާގެ މީހުންގެ ކައިރިއަށް ޒިޔާރަތްކޮށް ކުޑަކުދިންނަށް ހަދިޔާބަދިޔާ ބެހުމަކީ މި އީދުގައި މުސްލުމުން ދައްކުވައިދޭ ވަރަށްވެސް ރީތި އާދައެކެވެ.

އީދުދުވަހު ކުޑަކުދިންނަށް ހަދިޔާ ބެހުމަކީ ޒަމާނުއްސުރެ މުސްލިމުންގެ ތެރެއިން ފެންނަ ރީތި އާދައެކެވެ. މި ކުދިންނަށް ހަދިޔާ ބަހާއިރު އެންމެ ބޮޑަށް ފާހަގަވާ އެއްކަމަކީ ޢީދު ހަދިޔާއަކަށް އެކުދިން އަބަދުވެސް އެދެނީ ކޮންމެވެސް މީރު ކާއެއްޗެސް ނުވަތަ ރީތި ހެދުމެއް ނުވަތަ ކޮންމެވެސް ކަހަލަ ކުޅޭ އެއްޗިއްސާއި ގޭމް ފަދަ ތަކެއްޗެވެ. ޢީދު ހަދިޔާއާއެކު އެކުދިންގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ އުފާވެރި މަންޒަރެކެވެ.

ނަމަވެސް ސޫރިޔާގައި ހާލުގައި ޖެހިފައިތިބި ކުދިންގެ ފަރާތުން ޢީދުގައި ފެނިގެންދިޔައީ ތަފާތު ކަމެކެވެ. އެކުދިން އީދު ހަދިޔާއަށް ބޭނުންވަނީވެސް ވަރަށް ތަފާތު ހަދިޔާއެކެވެ. ސޫރިޔާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް މަސައްކަތްކުރާ ދިވެހި ޖަމްޢިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ވަނީ މި ކުދިން ޢީދު ހަދިޔާއަކަށް ބޭނުންވަނީ ކޯއްޗެއްކަން ވީޑިއޯއެއް މެދުވެރިކޮށް މުޅި ދުނިޔެއަށް ހާމަކޮށްދީފައެވެ.

މި ވީޑިއޯއިން އެކި އުމުރުގެ ދެ ޖިންސުގެ ގިނަ އަދަދެއްގެ ކުޑަކުދިން ފެންނައިރު، މި ވީޑިއޯގައި ވާހަކަދެއްކި ގިނަ ކުދިން އީދު ހަދިޔާއަކަށް ބޭނުންވަނީ މިނިވަންކަމެވެ. މިކުދިން އެދެނީ ހަނގުރާމަ ނިމި ސޫރިޔާ އަމާން ވުމަށެވެ. މި ހަނގުރާމައިގައި ނެތިގެންދިޔަ ގެތަކުގެ ބަދަލުގައި ބޯހިޔާވަހިކަމެވެ.

ބައެއް ކުދިން އެދެމުންދިޔައީ އެކުދިންގެ ކުރިމަތީގައި މި ދުނިޔެ ދޫކުރި އެކުދިންގެ އާއިލާގެ މެމްބަރުން އެނބުރިއައުމަށެވެ. މި ކުދިން އެދެމުންދިޔަ ޢީދު ހަދިޔާގެ އަޑު އިވުނު ކޮންމެ މީހެއްގެ ހިތައްވެސް އަސަރު ކުރާނެއެވެ.

އައިއޭސީއިން ޢަންމުކުރި ވީޑިއޯ

މިފަދަ ހާލެއްގައި ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް މިލިއަން ކުޑަކުދިން މި އަހަރުގެ ފިތުރު އީދާއި ކުރިމަތިލިއިރު، އަޅުގަނޑުމެން މުސްލިމުން މިކަމާ ވިސްނާލަން ޖެހެއެވެ. އެކަކު އަނެކަކަށް އެހީތެރިވެދިނުމުގެ އިސްލާމީ ރިވެތި އާދަ މަތިން ހަނދާންކުރަންޖެހެއެވެ. ވީވަރަކުން އެކަކު އަނެކަމަށް އެހީތެރިވުމަކީ މިފަދަ ޢީދެއްގައި އަޒުމް އާކުރަންވީ ކަމެކެވެ.

ދުރުގައި ތިބި ނަމަވެސް އެކި ޤައުމުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީވުމުގެ ފުރުޞަތު މިއަދު ދިވެހިންނަށްވެސް ވަނީ ފަސޭހަ ކަމާއެކު ފަހިވެފައެވެ. އެގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ދަނީ މިފަދަ މުސްލިމުންނަށް އެހީވާން ބޭނުންވާ ފަރާތްތަކަށް އެކަން ފަހިކޮށްދީ އެ މަސައްކަތް ކުރަމުންނެވެ. އައިއޭސީއިންވަނީ ރަަމަޟާން މަހާއި، އީދާއި މިނޫންވެސް މުނާސަބަތުތަކާ ގުޅުވައިގެން ވޭތުވެ ދިޔަ ދުވަސްތަކުގައި ދިވެހިން ދީފައިވާ އެހީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދީފައެވެ.

އަދި އައިއޭސީއިން ވަނީ ސޫރިޔާގައި ހާލުގައި ޖެހިފައިތިބި ކުދިންނަށް އަސާސީ ތަޢުލީމު ފޯރުކޮށްދިނުމައްޓަކައި، އެ ޤައުމުގައި ސްކޫލެއް ބިނާކުރުމަށްވެސް ނިންމާފައެވެ. މިފަދަ ކަންކަމުގައި އަޅުގަނޑުމެންގެ ޝާމިލުވުން އިތުރުކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައިތިބި މުސްލުމުންގެ ޙާލަތު ރަނގަޅުކުރުމަށް ފުދުންތެރިކަން ހުރި މިންވަރަކުން ޞަދަޤާތް ދިނުމާމެދު ވިސްނާލުން މުހިންމެވެ.

ޢީދުގެ އުފާ ފާހަގަކުރަމުންދާއިރު މި އުފާވެރި މުނާސަބާ ހިތްދަތިކަމާއެކު ފާހަގަކުރަމުންދާ މުސްލިމުންވެސް ތިބިކަން ވިސްނާލަންޖެހެއެވެ.