ސިއްހަތު

200 އަށްވުރެ ގިނަ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އިޢުލާންކޮށްފި


އަތޮޅު ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ 200 އަށްވުރެ ގިނަ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ވަނީ ތަފާތު 16 ދާއިރާއަކުން 206 ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އިޢުލާންކޮށްފައެވެ. މި ދާއިރާތަކުގެ ތެރޭގައި، އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނާއި، ހޭނައްތާ ޑޮކްޓަރުންނާއި ކަށީގެ ބަލިތަކާއި، އޮޕަރޭޝަނަށް ޚާއްޞަ ޑޮކްޓަރުންނާއި، ހަމުގެ ބަލިތަކާއި، ކުޑަކުދިންގެ ބަލިތަކުގެ އިތުރުން ނަފްސާނީ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނާއި އަންހެނުންގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ އިތުރުން ކަރުންމަތީގެ ޚާއްޞަ ޑޮކްޓަރުންނާއި ލޮލުގެ ޚާއްޞަ ޑޮކްޓަރުން ފަދަ ދާއިރާތައް ހިމެނެއެވެ.

މި ދާއިރާތަކަށް ކުރިމަތިލާ ސްޕްޝަލިސްޓް ޑޮކްޓަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ 3 ނުވަތަ 4 އަހަރު ދުވަހަށްވުރެ ކުރުނޫން އެމްޑީ/އެމްއެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ނުވަތަ ސަބްސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.

ސްޕެޝަލިސްޓު ޑޮކްޓަރުންގެ އިތުރުން 32 ރޭޑިއޯގްރާފަރުން ހޯދުމަށްވެސް ހެލްތް މިނިސްޓްރީން ވަނީ އިޢުލާންކޮށްފައެވެ. މި މަޤާމުތަކަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 09 ޖޫން 2019 ގެ ނިޔަލަށެވެ. އަދި ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒަކަށް ފޯމު ހުށަހެޅޭނެކަމަށާއި ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަންނާނެކަމަށްވެސް ހެލްތް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި މަޤާމްތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.