ކުޅިވަރު

އޭޝިޔާ ހޯޕްސްއިން ރިހި މެޑަލް ހޯދި ދިމާއާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފި


އޭޝިޔާ ހޯޕްސްއިން ރިހި މެޑަލް ހޯދި ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފާއި، ދީމާގެ ކޯޗު އިބްރާހިމް ޝިއުރީ އަދި ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހުވަނީ އޭޝިއަން ހޯޕްސްގައި ވާދަކޮށް ދީމާ ހޯދި ކާމިޔާބީ ފާހަގަކޮށް އެކަމަށް މަރުޚަބާ ދަންނަވާފައެވެ. އަދި ކުރިއަށް އޮތް މުބާރާތްތަކުގައިވެސް އިތުރު ކާމިޔާބީތައް ހޯއްދެވުމަށް ދީމާއަށް ރައީސް ސޯލިހު ހިތްވަރުދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޓީޓީ އެސޯސިއޭޝަނުންވަނީ ޓީޓީ ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެކަންކަން ރައީސަށް ހުށަހަޅުއްވާފައެވެ. އަދި އެކަންކަމަށް އަވަސް ހައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފައެވެ.

އޭޝިޔާ ހޯޕްސްއިން ދީމާ ރިހި މެޑަލް ހޯދުމާއިއެކު ކުރިއަށް އޮތްތާނގައި ދީމާގެ ތަމްރީންތަކުގެ ޚަރަދުތައް ސަރުކާރުންކޮށްދެއްވާނެކަމަށް މިނިސްޓަރވަނީ ދާދިފަހުން އިއުލާންކުރައްވާފައެވެ.

11 އަހަރުގެ ދީމާ މިހާރު ތައްޔާރުވަނީ އަންނަ ޖޫން މަހު އޮންނަ ވޯލްޑް ހޯޕްސްގައި ވާދަކުރުމަށެވެ. އަދި އޭގެ ފަހުން އައިއޯއައިޖީގައިވެސް ދީމާ ދިވެހި ޓީމާއިއެކު ވާދަކުރާނެއެވެ.