ގުދުރަތީ ކާރިސާތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން އިލްތިމާސްކުރައްވައިފިއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި ވިއްސާރައިގެ ސަބަބުން ކުރިމަތިވެދާނެ ތަފާތު ކާރިސާތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޓީމްތައް ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މިހާރުވެސް މަސައްކަތް ކުރަމުންދާކަމަށްވެސް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިމަތިވެދާނެ ހާދިސާތަކަށް ދުރާލާ ތައްޔާރުވުމުގައި ފަރުދީ ޒިންމާ މުހިއްމުކަމަށެވެ. އަދި އެންމެފަހު ވަގުތާ ޖެހެންދެން މަޑުކުރުމުގެ ބަދަލުގައި، ރައްކާތެރިކަމުގެ ފިޔަވަޅު ދުރާލާ އެޅުމަށް ހިސާން ވަނީ އާއްމު ރައްޔިތުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.
"ކުއްލިއަކަށް ފެންބޮޑުވަނީކީ ނޫން ގޭތެރޭގައި. ވާރޭވެހިގެން މަޑުމަޑުން ރަށުތެރޭގައި ފެންބޮޑުވެގެން ގޭގެއަށް ފެން މި ވަންނަނީ.. އެހެންވީމަ ކޮށްލެވޭ ކުޑަކުޑަކަމަކުންވެސް ގޭތެރެއަށް ފެން ނުވަންނާނެގޮތް އެބަހެދޭ.. ގޭތެރޭގައި ހިފާގެންގުޅޭ ތަކެތި، ގޮދަޑި ބާލިސްފަދަ ތަކެތި ތަޅުންގަނޑު މަތީގައި ނުވަތަ ތިރިތަންތާނގައި ބެހެއްޓުމުގެ ބަދަލުގައި ރައްކާތެރި ތަންތަނަށް ބަދަލުކޮށް އިކެލްޓްރޯނިކްސް ސާމާނު ފެން ނުޖެހޭނެހެން ރައްކާތެރިކޮށް ބެލެހެއްޓުމަކީ ލިބޭ ގެއްލުން ކުޑަކުރުމަށް އެޅޭނެ ފިޔަވަޅު" ހިސާން ވިދާޅުވިއެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް ޢުމަރު ފިކުރީ ވިދާޅުވީ، ފެންބޮޑުވުން ފަދަ ހާދިސާތަކުގައި ލިބޭ ގެއްލުން ނިސްބަތުން ކުޑަކަމަށްދެކި، އެކަންކަމާމެދު ފަރުދީ ހައިސިއްޔަތުން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ތިބޭ ތަން މަދުން ނަމަވެސް ފެންނަކަމަށާއި، އެއީ ރަނގަޅު ވިސްނުމެއް ނޫންކަމަށެވެ.
ޢުމަރު ވިދާޅުވީ، އެންމެފަހުގެ ދިރާސާތައް ދައްކާގޮތުން މިފަދަ ކުދިކުދި ކާރިސާތަކުން ލިބޭ ގެއްލުންތައް ދިހަވަރަކަށް އަހަރަށް ބަހާލުމުން، ސުނާމީ ފަދަ ބޮޑެތި ކާރިސާތަކުގައި އެއްފަހަރާ ލިބޭ ގެއްލުމާއި ދާދިއެއްވަރުގެ ގެއްލުން ލިބޭކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ގޮތުން އަޅާ ކުޑަކުޑަ ފިޔަވަޅަކުންވެސް، ދުރު މުސްތަޤުބަލަކަށް އޭގެ ފައިދާކުރާނެކަންދެކި އަބަދުވެސް މިފަދަ ކަންކަމަށް ސަމާލުކަންދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށާއި، މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރޭ މޫސުމީ އެލަރޓްތަކަށް ޙާއްސަ ސަމާލުކަމެއްދިނުމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.