ރަމަޟާން ވެޓްރަންސް ކަޕުގައި އިއްޔެ ހަވީރު ކުޅުނު މެޗުން މޮޅުވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ތާވަލްގެ އެއްވަނައިއަށް ޖެހިލައިފިއެވެ.
މުބާރާތުގައި އެންމެ ބޮޑަށް ތައްޔާރުވި އޭދަފުށި ވެޓްރަންސް ފުޓްބޯޅަ ކްލަބާއި ވާދަކުރި މި މެޗު މާޒިޔާއިން ކާމިޔާބުކުރީ ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން ތިނެއް ދޭއްގެ ނަތީޖާއަކުންނެވެ. މި މެޗުގައި މާޒިޔާއިން ޖެހި 3 ލަނޑުވެސް ޖެހީ ދެވަނަ ހާފުގައިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އޭދަފުށިން ޖެހި ދެ ލަނޑުވެސް އެޓީމަށް ޖަހައިދިނީ އަބްދުލްމަޖީދު އިބްރާހިމްއެވެ. ދެ ލަނޑުގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފު އޭދަފުށިން ނިންމާލި ނަމަވެސް ދެވަނަ ހާފުގައި މާޒިޔާއިން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައިއެވެ. މާޒިޔާގެ ފުރަތަމަ ލަނޑު އެޓީމަށް ޖަހައިދިނީ އަބްދުލް ވާހިދު މުހައްމަދުއެވެ. މި ލަނޑު ޖެހިތާ ތިން މިނެޓު ފަހުން މާޒިޔާގެ ހަމްޒާ ހުސައިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ މާޒިޔާއަށް ހަމަހަމަކޮށްދީފައިއެވެ. މި މެޗުން މާޒިޔާއަށް މޮޅުވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ނިޔާޒް ޖެހި ގޯލުންނެވެ. މި މެޗުގެ ސާޅީސް ފަސް އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޭދަފުށީގެ އަބްދުއް ރައްޒާގް ޔޫސުފްއެވެ. މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބްއެވެ.