ރެއާލް މެޑްރިޑްގެ ޖާޒީގައި ކުޅެން ލިބުނު ފަހު މެޗުގައި ގެރެތް ބޭލް އަށް ކުޅުމުގެ ފުރުސަތު ނުދިނީ އޭނާގެ އަމަލުތައް ގޯސްވުމުން ކަމަށް ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
ރެއަލް ބެޓިސް އަތުން ރޭ 2-0އިން ރެއާލް ބަލިވި މެޗަކީ ފަހަކަށް އައިސް ބޭލް އަށް ބެންޗުން ވެސް ފުރުސަތު ލިބުނު ހަމައެކަނި މެޗެވެ. އޭނާ އުއްމީދުކޮށްގެން ހުރީ ސަޕޯޓަރުންނަށް ވަދާއީ ސަލާމްކޮށްލުމަށް ރޭގެ މެޗުގައި ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ނަމަވެސް މެޗަށް ފަހު ކޯޗު ޒިދާން ބުނީ އަހުލާގު ގޯސްވެއްޖެނަމަ އޭނާގެ ޓީމުން ފުރުސަތު ނޯންނާނެ ކަމަށެވެ. އަދި ބޭލް އަކީ އަންނަ ސީޒަނަށް އޭނާގެ ޕްލޭނުގައި ހިމެނޭ ކުޅުންތެރިއެއްނޫންކަން މާކުރިންވެސް އެންމެނަށް ވެސް އެނގޭނެ ކަމަށެވެ.
ޒިދާން ބުނީ ހަތަރު ވަނަ ކުޅުންތެރިއަކު ބަދަލު ކުރަންޖެހުނަސް ބޭލްއަށް އަށް ފުރުސަތެއްނެތް ކަމަށެވެ. އަންނަ ސީޒަނަށް ރެއާލް ވަރުގަދަ ކުރުމަށް ބައެއް ކުޅުންތެރިން ދޫކޮށްލަން ޒިދާން ވަނީ ނިންމާފައެވެ.
މި ގޮތުން ބޭލްގެ އިތުރުން ވެސް އެހެން ބައެއް ކުޅުންތެރިން ދޫކޮށްލާނެއެވެ. އަދި ޓީމު ވަރުގަދަ ކުރުމަށް 500 މިލިއަން ޕައުންޑް ހަރަދު ކުރަން ވެސް ވަނީ ނިންމާފައެވެ.
އަލަށް ގެންނަން މަސައްކަތް ކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޗެލްސީގެ އެޑެން ހަޒާޑާއި މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ފަދަ ކުޅުންތެރިންނެވެ.