ޚަބަރު

ކޮރަޕްޝަން ހުއްޓުވުމަށް ސިޔާސީ، އިޤްތިސާދީ ފަރުވާ ހޯދަން ޖެހޭ


އަޅުގަނޑުމެންގެ ދިރިއުޅުމުގައި ކޮރަޕްޝަނަށް ޖާގަ ދެވިއްޖެނަމަ، އެކަމަކީ ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި ފަސާދަޔާއި ބައި ބައި ވުމަށް ދެވޭ ދައުވަތަކަށް ވާނެ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވެއްޖެެއެވެ.ބަންޑާރަ ނައިބް މިހެން ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ދާއިރާގަ އޭސީސީގެ މަސައްކަތަށް ކިރިޔާވެސް ހީނަރު ކަމެއް އަތުވެއްޖެނަމަ ޑިމޮކްރަސީ ފުނޑު ފުނޑުވެ އަދުލު އިންސާފުގެ ދާއިރާ ބަލިކަށިވާނެ ކަމަށާއި ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި ކޮރަޕްޝަނަށް ޖާގަ ދެވިއްޖެނަމަ، އެކަމަކީ ފަސާދަޔާއި ބައި ބައި ވުމަށް ދެވޭ ދައުވަތެއް ކަމަށެވެ.އަނިލް ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް ސިޔާސީ އިޤްތިސާދީ ފަރުވާ ހޯދަން ޖެހޭ ކަމަށާއި ހަމައެކަނި އޭސީސީ އިން އަދާކުރަންޖެހޭ ޒިންމާ އަދާކޮށްގެން ކޮރަޕްޝަންގެ ވަބާއިން ސަލާމަށް ނުވާނެ ކަމަށެވެ. އަދި ޅަ ދަރިންނާއި ޤައުމުގެ ޒުވާނުން ކިބައިގައި ނަޒާހަތްތެރިކަމުގެ އާދަ އަށަގެންނުވައިގެން  ނޫނީ ކޮރަޕްޝަންގެ ވަބާއިން ސަލާމަށް ނުވެވޭނެ ކަމަށްވެސް އަނިލް ވިދާޅުވިއެވެ.ރޭގެ ރަސްމިއްޔާތުގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުތުފީ ދެއްކެވި ވާހަކަފުޅުގައި، ޤާނޫނީ ނިޒާމުގެ ދޯހަޅި ކަމުގެ ސަބަބުން މައްސަލަތައް ތަޙުޤީޤްކޮށް ކުށް ސާބިތު ކުރުމުގައި ދަތިތަކެއް ހުންނަކަން ފާހަގަކުރައްވާ، އެކަން ކަމަށް އަވަސް ޙައްލެއް ހޯއްދަވައި ދެއްވުމަށް ބަންޑާރަ ނައިބުގެ ކިބައިން އެދިވަޑައިގެންނެވިއެވެ. އަދި ހެއްކާއި ބެހޭ ޤާނޫނާއި ކްރިމިނަލް ޕްރޮސީޖަރ ކޯޑެއް މަސައްކަތް މަޖިލީހުން އަވަސްކޮށްދިނުމަށް އޭސީސީގެ ރައީސް އެދިވަޑައިގެންނެވިއެވެ.މީގެ އިތުރުން އާ ޤާނޫނުލް އުޤޫބާތާމެދު އޭސީސީގެ ކަންބޮޑުވުން ފާހަގަކޮށް ބަންޑާރާ ނައިބާ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ޙަސަން ލުތުފީ ވިދާޅުވިއެވެ.ޤައުމީ އެންޓި ކޮރަޕްޝަން ދުވަހުގެ ޖަލްސާގައި ނަޒާހަތްތެރިކަމުގެ އިނާމު ޙާސިލްކުރި ދެ ފަރާތަށް ވަނީ  އިނާމު ޙަވާލުކޮށްފައެވެ. ދެހާސް ސާދަވަނަ އަހަރު ނަޒާހަތްތެރިކަމުގެ އިނާމު ޙާސިލްކޮށްފައިވަނީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ގިންތިން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާއި ދައުލަތުގެ މުއައްސަސާތަކުގެ ގިންތިން އޮޑިޓަރ ޖެނެރަލްގެ އޮފީހެވެ.މީގެ އިތުރުން ރޭޖެ ޖަލްސާގައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހދ. ކުޅުދުއްފުށީގައި ހިންގި ކުއިޒް އަދި ޕޯސްޓަރ ކުރެހުމުގެ މުބާރާތުން ވަނަވަނަޔަށް އައި ސްކޫލް ދަރިވަރުންނަށް އިނާމާ ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ.ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރީ، ކޮރަޕްޝަނާ މެދު އާންމު ރައްޔިތުން ޙޭލުންތެރިކަން އިތުރުކުރުވާއި، ނަޒާޙަތްތެރިކަން ކުރިއެރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށް އޭސީސީން މައުލޫމާތު ދެއްވައެވެ.