މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ތިބި ދެ ބިދޭސީން ސަލާމާތް ކޮށް އެ މީހުން ރަހީނުކުރި ކަމަށް ތުޙުމަތު ކުރެވޭ ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.ފުލުހުން މައުލޫމާތުދޭގޮތުގައި އިއްޔެ އިރު އޮއްސި ހަޔެއް ޖަހާކަން ހާއިރު 2 ބިދޭސީއަކު ރަހީނުކޮށްފައިވާ މައްސަލަ ފުލުހުން ނަށް ހުޅަހަޅާފައިވަނީ ރޭ ދަންވަރު ކަމަށާއި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ރަހީނުކޮށްފައިތިބި ދެ ބިދޭސީން ސަލާމަތް ކޮށްފައިވަނީ ރޭ ދަންވަރު 02:45 ހާއިރުކަމަށެވެ.ރަހީނު ކޮށްފައިތިއްބާ ފުލުހުން ކުރި މަސައްކަތުން ސަލާމަތް ކޮށްފައި ވަނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް ކަމަށާއި މި ދެމީހުންނަކީވެސް ބަނގުލަދޭޝްގެ ދެ ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މީހުން ސަލާމަތްކުރުމަށް ފުލުހުން އެ ގެއަށް ވަދެފައިވަނީ ބާރުގެ ބޭނުންކޮށްގެންކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލައާ ގުޅިގެން ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި އޮޕަރޭޝަންގައި ފުލުހުން އެގެއަށް ވަތް އިރު ރަހީނުކޮށްފައި ތިބި ދެ ބިދޭސީންގެ ގައިގާ ތަޅައި މާރާމާރީ ހިންގާ އެދެމީހުންގެ އަތުން ގިނައަދަދެއްގެ ފައިސާ، އަތުލާފައިވާ ކަމަށާއި މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ އިތުރުން ބިދޭސީއަކާއި އިތުރު ދިވެހިންގެ ބަޔަކު މި ކަމުގައި ބައިވެރިވެފައި ވާކަން އެނގިފައިވާ ކަމަށާއި، އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.