ގްރީންސްޓްރީޓްސް އާ ވާދަކުރި މެޗްވެސް އޭދަފުށި ވެޓެރަންސް ފުޓުބޯޅަ ކްލަބުން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.
މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޟާން ވެޓެރަންސް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗް އޭދަފުށި ވީއެފްސީއިން ކާމިޔާބުކުރީ ގްރީން ސްޓްރީޓްސް ކޮޅަށް 8 ލަނޑު ޖަހައިގެންނެވެ.
މެޗްގައި އޭދަފުށި ވީއެފްސީން ކޮންމެ ހާފެއްގައި ހަތަރު ލަނޑު ޖެހިއިރު އެ ޓީމް ފެނިގެންދިޔައީ ގްރީންއަށް ވުރެ މާބޮޑަށްވެސް ވަރުގަދަކޮށެވެ. މެޗްގެ ހަތްވަނަ މިނެޓްގައި އޭދަފުށީ ވީއެފްސީއަށް ގޯލް ހުޅުވައިދިނީ މެޗްގައި ހެޓްރިކެއް ހަދާ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ)އެވެ.
އިސްމާއިލް މުހައްމަދު (ބަނޑާ) އޭދަފުށި ވީއެފްސީއަށް ގޯލެއް ޖަހައިދިންއިރު އިރު އިސްމާއިލް މުހައްމަދު (ޖެޓް) އަދި އިސްމާއިލް މުހައްމަދު (ބޮލޭ) މި ދެކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލް ޖަހާފައެވެ. މެޗްގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔަކީ އެދަފުށި ވީއެފްސީގެ ޔޫސުފް އަޒީމްއެވެ.
މިނަތީޖާއާއެކު އޭދަފުށި ވީއެފްސީ ވަނީ ރަމަޟާން ވެޓެރަންސް ކަޕް ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެއް މެޗް މަދުން ކުޅެގެން ދެވަނައިގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ.
މުބާރާތުގައި މިއަދު ކުޅޭ މެޗްގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.