މެންޗެސްޓަރ ޔުނައިޓެޑްގެ ސީޒަން އެހާ ދައްކޮށް ދިމުގެ ޒިންމާ މޮރީނިއޯ ބޮލުގައި ނޭޅުވޭނެ ކަމަށާއި ޒިންމާ ނަގަންޖެހޭނީ ކުޅުންތެރިންކަމަށް ޔުނައިޓެޑްގެ ސްޕެއިން މިޑްފިލްޑަރ އެންޑަރ ހެރޭރާ ބުނެފިއެވެ.
މިސީޒަން ނިމުމުން ކްލަބް ދޫކޮށްލަން ނިންމާފައިވާ އޮނަތިރީސް އަހަރުގެ މިޑްފިލްޑަރ ބުނީ މިއީ މެންޗެސްޓަރ ޔުނައިޓެޑް ފަދަ ބޮޑު ޓީމެއް ލަދުގަންނަން ޖެހޭ ވަރުގެ ސީޒަނެއް ކަމަށާއި ތައްޓެއް ނުލިބި ލީގުގެ ހަވަނާގައި އޮވެގެން ނިންމާލަން ޖެހުމަކީ މައްސަލައެއް ކަމަށެވެ.
އަދި މޮރީނިއޯ ސީޒަންގެ މެދުތެރެއިން މަގާމުން ވަކިކުރުމުން މޮރީނިއޯ ބޮލުގައި އެކަމުގެ ޒިންމާ އަޅުވަން ފަސޭހަވާނެ ކަމަށާއި އެހެންނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.
މޮރީނިއޯ މެންޗެސްޓަރ ޔުނައިޓެޑްގައި ހުރި ދުވަސްވަރު އޭނާއަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރި ކަމަށާއި ސީޒަން ދައްކޮށް ދިއުމުގެ ޒިންމާ ނަގަންޖެހޭނީ ޓީމުގެ ހުރިހާ ކުޅުންތެރިން ކަން ހެރޭރާ ފާހަގަކުރިއެވެ.
މީގެއިތުރުން ހެރޭރާ ވަނީ ޔުނައިޓެޑްގެ އާ ކޯޗު އޮލެ ގަނާ ސޮލްސްޝައާ އަށް ތައުރީފްކޮށް ކްލަބް ހުރިން އޮތް މަގާމަށް ގެންދުއުމަށް އެންމެ އެކަށީގެންވާ ކޯޗަކީ އެއީ ކަމަށް ބުނެފައެވެ.
ހެރޭރާ ވަނީ މެންޗެސްޓަރ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް މިސީޒަންގެ ނިޔަލަށް ހަމަވުމުން ކޮންޓްރެކްޓް އާނުކުރަން ނިންމާފައެވެ. ހެރޭރާ ހޯދުމަށް ފްރާންސްގެ ޕީ.އެސް.ޖީ އިން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އޭނާ މިއަންނަ ސީޒަންގައި ކުޅޭނީ ކޮން ކްލަބަކަށް ކަމެއް ހެރޭރާ އަދި އިއުލާނެއް ނުކުރެއެވެ.