މި ސީޒަނަށް ފަހު އެތްލެޓިކޯ މެޑްރިޑް ދޫކޮށްލާނެ ކަމަށް ފޯވަޑް އެންޓުއަން ގްރިއެޒްމަން ބުނެފިއެވެ. ފްރާންސްގެ ފޯވަޑް ބުނީ މިއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި ސަޕޯޓަރުންނާއ ކުލަބުން އޭނާ އަށްޓަކައި ކޮށްދީފައިވާ ކަންތައްތައް އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ. ގްރިއެޒްމަން ކުލަބު ބަދަލު ކުރަން މި ނިންމީ އެތްލެޓިކޯއާއެކު މިދިޔަ އަހަރު އާ ކޮންޓްރެކްޓެއް ހެދުމަށްފަހުއެވެ. މި ކޮންޓްރެކްޓް ބުނާގޮތުން އޭނާ ވިއްކަން ހަމަޖެހިފައިވަނީ 120 މިލިއަން ޕައުންޑަށް. އޭނާ ގަތުމަށް ތައްޔާރަށް ތިބީ ސްޕޭނުގެ ޗެމްޕިއަން ބާސެލޯނާއެވެ.
އެކުލަބުން ވަނީ މިދިޔަ ސީޒަނުގައި ވެސް ގްރިއެޒްމަން ގަތުމަށް މަސައްކަތްކޮށްފައިއެވެ. ބާސެލޯނާ އަށް ބަދަލުވާން ހުރިހާ ކަމެއް ނިންމުމަށްފަހު ގްރިއެޒްމަންގެ ވިސްނުން ބަދަލުކުރީ ފަހު ވަގުތުއެވެ. މިހެންވެ އޭނާ ގެންނަން ބާސެލޯނާގެ މެނޭޖްމަންޓާއި ސަޕޯޓަރުންގެ މެދުގައި ވެސް ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. ނަމަވެސް ފްރާންސަށް މިދިޔަ އަހަރުގެ ވޯލްޑް ކަޕް ހޯދައިދިން ފޯވަޑް ގެނައުމަށް ނިންމީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް ކުރިމަތިވި ނާކާމިޔާބީގެ ސަބަބުންނެވެ. އެތްލެޓިކޯ ދޫކޮށްލަން ކެޕްޓަން ޑިއެގޯ ގޮޑިން ވެސް ވަނީ ނިންމާފައިއެވެ. ގޮޑިން ދާނީ އިޓަލީގެ އިންޓަމިލާނަށެވެ.