ޗެލްސީގެ ފޯވަޑް އެޑެން ހަޒާޑްގެ ނިންމުމަށް އިހްތިރާމް ކުރުމަށް ކޯޗު މައުރީސިއޯ ސާރީ ގޮވާލައިފިއެވެ.
ސަޕޯޓަރުންގެ ކިބައިން އޭނާ މި ގޮތަށް އެދުނީ އަންނަ ސީޒަނުގައި ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާން ހަޒާޑް ނިންމާފައިވާ ކަމަށް ވަރަށް ބޮޑަށް ވާހަކަ ދެކެވެމުންދާތީ ކުލަބުގައި މަޑުކުރަން ކުޅުންތެރިޔާގެ ކިބައިން ސަޕޯޓަރުން އެދެމުންދާތީއެވެ.
އަންނަ ސީޒަނުގައި އޭނާ ކުޅޭނީ ރެއާލް މެޑްރިޑަށް ކަމެއް ހަޒާޑް ސީދާ ނުބުނެއެވެ. ނަމަވެސް ޕްރެމިއާ ލީގުގެ ފަހު މެޗަށް ފަހު އޭނާ ބުނީ މީގެ ހަފުތާތަކެއްގެ ކުރިން އޭނާ ކުޅޭނެ ކުލަބު ނިންމާފައިވާ ކަމަށެވެ. އަދި އެކަން ޗެލްސީގެ މެނޭޖްމަންޓާ ވެސް ހިއްސާކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އޭނާގެ ނިންމުން އިއުލާންކުރާނީ ޔޫރޮޕާ ލީގުގެ ފައިނަލުގައި ޗެލްސީ ކުޅޭ މެޗަށް ފަހު ކަމަށެވެ.
ރެއާލްއަށް ދާން ހަޒާޑް ބޭނުންވި ނަމަވެސް އޭނާ ހިފަހެއްޓުމުގެ ފުރިހަމަ ބާރު ޗެލްސީ އަށް އެބައޮތެވެ. އެއީ އޭނާގެ ކޮންޓްރެކްޓްގައި އަދި އެއް އަހަރު އޮތުމުންނެވެ. އަދި ޗެލްސީން ކުޅުންތެރިން ގަތުން ފީފާއިން މަނާކޮށްފައިވާތީ ހަޒާޑް ވިއްކާނުލުމުގެ އިހްތިޔާރު ވެސް ޗެލްސީއަށް އެބައޮތެވެ.
ހަޒާޑް ބުނީ މިވަގުތު އޭނާ ވިސްނަނީ ކުރިއަށް އޮތް ފައިނަލަށް ކަމަށާއި ކޮންމެ ގޮތަކަށް އޭނާގެ ވިސްނުން ހުއްޓަސް ދަނޑަށް އެރުމުން ޓީމު މޮޅުކޮށްދޭނެ ކަމަށެވެ.