ޚަބަރު

ޓެރަރިޒަމުން ރައްކާތެރިވުމަށް ޤައުމީ ފެންވަރުގައި މިދަނީ މަސައްކަތް ކުރަމުން - މާރިޔާ


ޓެރަރިޒަމްއާއި ހައްދު ފަހަނައަޅާ ދިއުމުގެ ޢަމަލުތަކުން ރައްކާތެރިވުމަށް ޤައުމީ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ އިންޑިއާގެ "ދި ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖެއަކީ ޓެރަރިޒަމާއި ހައްދު ފަހަނައަޅާ ދިއުމުގެ ޢަމަލުތަކަށް ތަންދޭނެ ޤައުމެއް ނޫންކަމަށެވެެ. މިދިޔަ މަހުގެ އެކާވީސްވަނަ ދުވަހު ސްރީ ލަންކާއަށް ދިން ޓެރަރިސްޓު ޙަމަލާތަކަކީ، މުޅި މިސަރަހައްދަށްވެސް ކުރިމަތިވި ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ އެހަމަލާގެ ސަބަބުން ރާއްޖޭގެ ދިފާޢީ ބާރުތަކާއި، ބޯޑަރ ކޮންޓްރޯލްގެ ހުރިހާކަމެއްވެސް މިހާރު އިތުރަށް ވަރުގަދަކޮށްފައިވާކަމަށެވެ.

ދީނީ ގޮތުން ނުވަތަ އެނޫން ގޮތަކުންވެސް ހައްދުފަހަނައަޅައިދިއުމަށް ދިވެހި ސަރުކާރުން ފުރުސަތު ނުދޭނެކަން ފާހަގަކުރައްވައި މިނިސްޓަރ މާރިޔާ ވިދާޅުވީ، އެފަދަ ނުރައްކަލަކުން ޤައުމު ސަލާމަތްކުރުމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ގާބިލުކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދިވެހިސަރުކާރުން ކުރަމުން އަންނަކަމަށެވެ.

މީގެއިތުރުން ހައްދުފަހަނައެޅުމާއި ހަރުކަށިފިކުރުތަކުގެ މީހުން އުފެދުނަނުދިނުމަށާއި، އެފަދަ މީހުން ރީހެބިލިޓޭޓްކުރުމަށް ސަރުކާރުން ޚާއްސަ ޕްރޮގްރާމެއް އެކުލަވާލައްވައި ޑިޒަން ކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އަދި ކައުންޓަރ ޓެރަރަމް ސްޓިއަރިން ކޮމިޓީއަކާއި، ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީއެއް އުފައްދައި އެކޮމިޓީތަކުގެ މަސައްކަތް ކަމާގުޅުންހުރި ބައިނަލްއަޤްވާމީ ފަރާތްތަކާ ގުޅިގެން ރާއްޖެއިން ކުރަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބޭރުގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިފައި ވަނީ ރާއްޖޭގެ ކިތައް މީހުންތޯ "ދި ހިންދޫ" ނޫހުން ސުވާލު ދެންނެވުމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ޖިހާދުކުރުމުގެ ނަމުގައި ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކުގައި ބައިވެރިވުމަށް ދިވެހި ސަރުކާރުން ފުރުސަތުނުދޭނެކަމަށާ، އެފަދަ ޢަމަލުތަކަށް ރާއްޖޭގެ ޤާނޫނު އަސާސީގައި ބޮޑެތި ހަރުކަށި އަދަބުތައް ކަނޑައަޅާފައިވެސް ވާކަމަށެވެ. ބޭރުގެ ހަނގުރާމަތަކަށް ގޮސްފައިވާ ދިވެހިންގެ ބަޔަކު ގޮސްފައިވަނީ ރާއްޖެއާ އެކުވެރި ކޮންމެވެސް ޤައުމަކަށް ދިއުމުގެ ނަމުގައި ފިލައިގެންކަމަށާ، އެފަދަ މީހުންގެ ސީދާ ޢަދަދު ދެނެގަތުމަކީ އުނދަގޫކަމެއްކަމަށެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ މިސަރަޙައްދަށް ދިމާވެފައިވާ ޓެރަރިޒަމުގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ޤައިމުތަކުގެ އިންޓެލިޖެންސްއާއި ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގެ ނިޒާމު ވަރުގަދަކުރަން ޖެހޭކަމަށެވެ. އަދި ޖޮއިންޓް ރިސްޕޮންސް ކެޕޭސިޓީ އިތުރުކުރަންޖެހޭކަމަށްވެސް ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.