ރޯދަ މަހަށް ޚާއްސަކޮށްގެން ލިޓަސްއިން ޚާއްސަ ޕްރޮމޯޝަނުގައި ލިބޭ ފައިސާގެ ވަކި އިންސައްތައެއް ފަލަސްތީން އަދި ސޫރިއާގެ މުސްލިމުންނަށް ހަދިޔާކުރާގޮތަށް ނިންމައިފިއެވެ.
ލިޓަސްއިން ރަމަޟާންމަހަށް ހާއްސަކޮށްގެން ފަށާފައިވާ މި ޕްރޮމޯޝަން ރަމަޟާންމަސް ނިމެންދެން ކުރިއަށްދާނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ސައިކަލަކަށް 2500ރ ގެ ޑިސްކައުންޓެއް ލިބޭނެއެވެ.
މީގެ އިތުރުން ލޭ ހަދިޔާ ކުރެއްވުމަށްފަހު ސައިކަލެއް ގަންނަ ކޮންމެ ފަރާތަކަށްވެސް 4000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެކަމަށް ލިޓަސްއިން ބުނެއެވެ.
ލިޓަސްގެ މިފަހަރުގެ ރޯދަ ޕްރޮމޯޝަންގެ އެންމެ ޚާއްސަކަމަކީ ޕްރޮމޯޝަންއިން ލިބޭ ފައިސާގެ ވަކި އިންސައްތައެއް ފަލަސްތީން އަދި ސޫރިއާގެ މުސްލިމުންނަށް ހަދިޔާކުރަން ނިންމުމެވެ. ޕިއެސްއެމް ނިއުސްއަށް މަޢުލުމާތު ދެއްވަމުން ލިޓަސްގެ މާކެޓިންގ މެނޭޖަރ އާސިފް ރަޝީދު ވިދާޅުވީ ލިޓަސްގެ އިސްލާމިކް ޝަރިއާ އިންސްޓޯލްމެންޓް- ލިޓަސް އިޖާރާ މެދުވެރިކޮށް ގަންނަ ކޮންމެ ސައިކަލެއްގެ %10 ފައިސާ އިންޓަރނޭޝަނަލް އެއިޑް ކެޕްމެއިން، އައިއޭސީ މެދުވެރިކޮށް ފަލަސްތީން އަދި ސޫރިއާގެ މުސްލިމުންނަށް ހަދިޔާ ކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން ފައިސާ ހަދިޔާކުރާނެ ވަކި ޤައުމެއް ނިންމާނީ ކަސްޓަމަރުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިންނާނެ އިސްލާމިކް ޝަރިއާ އިންސްޓޯލްމެންޓެއް. އެގޮތުން އެލެވެންސެއްގެ ގޮތުގައި ކަސްޓަމަރަކު ދައްކާ ފައިސާގެ %10 އަޅުގަނޑުމެން ވަނީ ސޫރިއާ އަދި ފަލަސްތީނަށް ހަދިޔާކުރަން ނިންމާފަ. އަނެއްކޮޅުން ކަސްޓަމަރަކު ބޭނުންވާ ޤައުމަކަށް ފައިސާ ފޮނުވުމުގެ އިޚްތިޔާރު އެ ކަސްޓަމަރަށް ދެވޭނެ." އާސިފް ވިދާޅުވިއެވެ.
ލިޓަސްގެ ރޯދަ ޕްރޮމޯޝަނަކީ ކޮންމެ ރޯދަ މަހަކާއި ދިމާކޮށް އެ ކުންފުނިން ކުރިއަށްގެންދާ ހަރަކާތެކެވެ. ލިޓަސްއިން ބުނީ މި ޕްރޮމޯޝަނަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށެވެ. ލިޓަސްއިން ދަނީ 2012 ވަނަ އަހަރުއްސުރެން ރާއްޖޭގައި ލޮޖިސްޓިކްސްގެ ވިޔަފާރިކުރަމުންނެވެ. ނަމަވެސް ލިޓަސް މަޝްހޫރުވެފައިވަނީ ސައިކަލު ވިއްކުމުގެ ވިޔަފާރީގައެވެ.