ޚަބަރު

ޔޫރޮޕާ ލީގަކީ މިހާރު ކޮންމެ ޓީމަކުން ވެސް ބޭނުންވާ މުބާރާތެއް: އެމެރޭ


ޔޫރޮޕާ ލީގަކީ މިހާރު ކޮންމެ ޓީމަކުން ވެސް ބޭނުންވާ މުބާރާތެއް ކަމަށާއި އާސެނަލް އޮތީ މުބާރާތް ކާމިޔާބު ކުރަން ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށް ކޯޗު އުނާއީ އެމެރޭ ބުނެފި އެވެ.
އޭނާ އަކީ ޔޫރޮޕާ ލީގުގެ ތަށި ޖެހިޖެހިގެން ތިން ފަހަރު ހޯދި ކޯޗެކެވެ. އެއީ ސްޕޭނުގެ ސެވިއްޔާގަ އެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ އާސެނަލް ގޮވައިގެން ސްޕޭނުގެ ވެލެންސިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އެމެރޭ ބުނީ އެންމެ ފުރަތަމަ އޭނާ މި ތަށި ހޯދިއިރަށްވުރެ މިހާރު މުބާރާތުގެ ބޭނުން ހުރިހާ ޓީމަކަށް ވެސް މުހިންމު ވެފައިވާ ކަމަށެވެ.

"އަހަރެން އެންމެ ފުރަތަމަ މި ތަށިހޯދިއިރު ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބޭ. އެކަމަކު މިހާރު އެ ފުރުސަތުލިބޭ. މި ބަދަލާއެކު މުބާރާތުގެ ހައިބަތު އުފުލިއްޖެ. ކޮންމެ ޓީމަކުން ވެސް ބޭނުންވާ މުބާރާތެއް މިހާރު މިއީ. އަހަރުމެން މިތިބީ މި ތަށި ހޯދަން ވަރަށް ބޮޑަށް އަޒުމް ކަނޑައަޅައިގެން،" މި ސީޒަނުގައި ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.

ޔޫރޮޕާ ލީގަށް އާސެނަލް އަމާޒުހިފާފައިވާ މައިގަނޑު ސަބަބަކީ އިނގިރޭސި ލީގުގެ ގަދަ ހަތަރަކުން ކަޓާފައިވުން ކަމަށް ވެސް ކޯޗު ބުންޏެވެ.

"ޕްރެމިއާ ލީގު މެދުވެރިކޮށް އަހަރުމެންނަށް ޗެމްޕިއަންސް ލީގަށް ދެވޭކަށްނެތް. އެކަމަކު މި މުބާރާތް ކާމިޔާބުކޮށްގެން އަހަރުމެންނަށް ދެވިދާނެ. އެހެންވީމާ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މިތޔަށި ހޯދަން ޖޯޝުގައި،" ކޯޗު ބުންޏެވެ.

އާސެނަލްގެ މުޅި ތާރީހުގައި އެ ޓީމަށް ލިބިފައިވަނީ ޔޫރަޕުގެ މުބާރާތްތަކުގެ ތަށި ދެފަހަރަކު އެވެ. އެއީ ކަޕް ވިނާސް ކަޕާއި އޯލްޑް ފެއާޒް ކަޕެވެ.