ޚަބަރު

ޗެލްސީއަށް ތަށްޓެއް ހައްޤު - ސާރީ


މި ސީޒަނުގައި ޗެލްސީ އަށް ތައްޓެއް ހައްގުވާ ކަމަށް ކޯޗު މައުރީސިއޯ ސާރީ ބުނެފިއެވެ.

ސާރީ މިހެން ބުނީ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި މިރޭ ޖަރުމަނުގެ ފްރޭންކްފަޓާ ދެކޮޅަށް ނުކުތުމުގެ ކުރިންނެވެ.
މި ދެ ޓީމު ޗެލްސީގެ ދަނޑުގައި މިރޭ ކުރިމަތިލާއިރު މީގެ ކުރިން ކުޅުނު މެޗު އެއްވަރުވެފައިވަނީ 1-1އިންނެވެ. ކޯޗު ސާރީ ބުނީ އިނގިރޭސި ލީގު ކަޕުގައި މެންޗެސްޓާ ސިޓީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވީ ނަސީބު ދެރަކަމުން ކަމަށެވެ. ނަމަވެސް ގަދަ ހަތަރަކުން ފުރުސަތު ހޯދައި އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ސާރީ ބުނީ ޓީމުގެ ޓާގެޓަށް ވާސިލްވެވުމުން އުފާވާކަމަށާއި، މަސައްކަތް ކުރަނީ ޓީމަށް ކުރިއެރުން ހޯދަންކަމަށެވެ. އަދި މިސީޒަނުގައި ޗެލްސީ ދެއްކި ކުޅުމަށް ބަލާއިރު ތައްޓެއް ހައްގު ކަމަށްވެސް ކޯޗު ބުންޏެވެ. އަންނަ ސީޒަނުގައި ޗެލްސީގެ ކޯޗުކަން ސާރީ އަށް ޔަގީންވާނެ އެންމެ މުހިންމު ކަމަކީ ވެސް ޔޫރޮޕާ ލީގު ކާމިޔާބު ކުރުމެވެ. ނޫނީ އޭނާ މަގާމުން ވަކިކުރުން ގާތެވެ.

އަނެއްކޮޅުން ފީފާއިން އެ ޓީމަށް ކުޅުންތެރިން ގެނައުން ދެ ޓްރާންސްފާ ޕީރިއަޑަށް މަނާކޮށްފައިވާތީވެ މިހާރު ޓީމުގައި ތިބި ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކުރުމަށް ޔޫރޮޕާ ލީގުގެ މުހިންމުކަން އެ ޓީމަށް ބޮޑު ކަމަސް ކޯޗު ސާރީ ފާހަގަކުރިއެވެ.