މެންޗެސްޓާ ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ގެއްލުނުއިރު އާސެނަލަށްވެސް ފުރުސަތު ހަނިވެއްޖެއެވެ.
މީގެ ތެރެއިން ޔުނައިޓެޑަކީ މިދިޔަ ދެ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅުނު ޓީމެކެވެ. އާސެނަލް މި ސީޒަނުގައި ކުޅުނީ ޔޫރޮޕާ ލީގުގައެވެ. އެ މުބާރާތުގައި އެ ޓީމު މިވަގުތު އޮތީ ވެސް ސެމީ ފައިނަލުގައެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން މި ދެ ޓީމަށް ވެސް ޖާގަ ގެއްލުނީ ސީޒަނުގައި ބާކީ އަދި އެއް މެޗު އޮއްވައެވެ. އެއީ ރޭ މި ދެ ޓީމު ކުޅުނު މެޗުތައް އެއްވަރުވުމުންނެވެ.
ޔުނައިޓެޑް އެއްވަރުވީ ހަޑާސްފީލްޑާ ވާދަކޮށް 1-1އިންނެވެ. އާސެނަލް އެއްވަރުވީ ބްރައިޓަންއާ ވާދަކޮށް 1-1އިންނެވެ.
މިއާއެކު ޔުނައިޓެޑަށް ލިބިފައިވަނީ 66 ޕޮއިންޓާއެކު ހަ ވަނައެވެ. އާސެނަލް އޮތީ 67 ޕޮއިންޓާއެކު ފަސް ވަނާގައެވެ. ހަތަރުވަނާގައި އޮތީ 70 ޕޮއިންޓާއެކު ޓޮޓެންހަމްއެވެ.
ޔުނައިޓެޑްގެ ކޯޗު އޮލޭގަނާ ސޮލިޝަނާ މެޗަށް ފަހު ބުނީ އޭނާގެ ޓީމު މެޗުގައި ކުޅުނީ ޓީމުގެ ފެންވަރުގައި ނޫން ކަމަށެވެ. އަދި މެޗުން މޮޅުނުވެ ގަދަ ހަތަރަކުން ކެޓުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ.
ޔުނައިޓެޑުން ވަނީ އަންނަ ސީޒަނުގައި ވަރަށް ބޮޑަށް ޓީމު ބަދަލު ކުރުމަށް ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަން މަސައްކަތް ފަށާފައެވެ.