ޚަބަރު

މެސީ ފަބީނިއޯއަށް ހަމަލާދޭ މަންޒަރު ފެންނަ އައު ވީޑިއޯއެއް އާންމުވެއްޖެ



ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ލިވަޕޫލް އަތުން ބާސެލޯނާ 3-0އިން މޮޅުވި މެޗުގައި ކެޕްޓަން ލަޔޮނަލް މެސީ ލިވަޕޫލްގެ ފަބީނިއޯއަށް ހަމަލާދޭ މަންޒަރު ފެންނަ އާވީޑިއޯއެއް އާންމުވެއްޖެއެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި ފަބީނިއޯ ގައިން ނައްޓާލުމުގެ ކުރިން މެސީ ވަނީ އަތުން އޭނާގެ މޫނަށް ހަމަލާދީފައެވެ. ނަމަވެސް ރޭގެ މެޗުގެ ރެފްރީ އަށް މި މަންޒަރު ނުފެނެއެވެ. އޭނާ ދައްކާފައިވަނީ އެތަނުން ފައުލްކުރީ ފަބީނިއޯ ކަމަށެވެ.

ބާސެލޯނާގެ ތިން ވަނަ ލަނޑު މެސީ ޖެހީ މިހާދިސާއާ ގުޅިގެން ރެފްރީދިން ހިލޭ ޖެހުމަކުންނެވެ. ގޯލާ 35 ޔާޑު ދުރުން ޖެހި ހިލޭ ޖެހުން ގޮސް ވަނީ ގޯލުގެ މަތީ ކަނަށެވެ.

ލިވަޕޫލްގެ ސަޕޯޓަރުން މިހާރު ވަނީ މިކަމާ ދެކޮޅަށް ޕެޓިޝަނެއްވެސް ތައްޔާރުކުރަން ފަށާފައެވެ. އެމީހުން ގޮވާލަމުންދަނީ އަންނަ ހަފުތާގައި ލިވަޕޫލްގެ ދަނޑުގައި ކުޅޭ މެޗަށް ޔޫއޭފާއިން މެސީ ސަސްޕެންޑްކޮށްދިނުމަށެވެ.

ނަމަވެސް ޔޫއޭފާގެ ގަވާއިދު ބުނާގޮތުން މެޗުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ރެފްރީއެވެ. އަދި މެޗުގައި ހިނގާދިޔަ މައްސަލައެއް ބަލާނީ ރެފްރީ ގަސްތުގައި ހެދި ގޯހަކުން ޓީމަކަށް ފައިދާއެއް ލިބުނުނަމައެވެ. ނަމަވެސް މި މައްސަލަ ޔޫއޭފާއިން ބަލަމުން ނުދާކަން އެ ޖަމާއަތުންވަނީ ކަށަވަރުކޮށްދީފައެވެ.