ވިޔަފާރި

އިޤްތިޞާދު ކުރިއަރާ މިންވަރު މިއަހަރު ދަށްވާނެ - އެމްއެމްއޭ


މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ޤައުމުގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކުރެވޭ މިންވަރު ދަށްވާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީން (އެމްއެމްއޭ)އިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގެ "މަނިޓަރީ ޕޮލިސީ ރިސާރޗް އެންޑް ސްޓެޓިކްސް"ގެ އެގްޒެކެޓިވް ޑިރެކްޓަރ އަޙްމަދު ޢިމާދު ވިދާޅުވީ، 2018ވަނަ އަހަރާ އަޅާބަލާއިރު އިޤްތިޞާދު ކުޑަމިންވަރަކުން މިއަހަރު ދަށްވާނެކަމަށެވެ. މިއީ މާބޮޑުތަނުން ދަށްވާނެ މިންވަރެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޤްތިޞާދު ދަށްވާނެކަމަށް ލަފާކުރެވޭ ސަބަބަކީ ރާއްޖޭގައި ހިންގާ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ނިމެން ގާތްވެފައިވާތީ ޢިމާރާތްކުރުމުގެ ދާއިރާ 2018ވަނަ އަހަރު ކުރިއަރާފައިވާ މިންވަރަށްވުރެ މިއަހަރު ކުރިއަރާނެ މިންވަރު ދަށްވާނެކަމަށް ބެލެވިފައިވާތީއެވެ. އިމާރާތްކުރުމުގެ ސިނާއަތް މިއަހަރު ދަށްވާނެކަމަށް ބެލުނު ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާ 2018ވަނަ އަހަރަށްވުރެ މިއަހަރު ބޮޑުތަނުން ކުރިއަރާނެކަމަށް ބެލެވޭކަމަށް އަޙްމަދު ޢިމާދު ވިދާޅުވިއެވެ.

"ޖީޑީޕީ ފޯރކާސްޓިންގައި 2018އަށްވުރެ މާބޮޑުތަން ދަށްކޮށްނެއްނޫން އެކަމަކުވެސް ކުޑަ މިންވަރަކުން ދަށްވާނެކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ. މައިގަނޑު ސަބަބަކީ ކޮންސްޓްރަކްޝަން ދާއިރާއަށް 2018ވަނަ އަހަރު އައި ކުރިއެރުމަށްވުރެ 2019ވަނަ އަހަރު ކުރިއަރާނެ މިންވަރު ކޮންމެވެސް މިންވަރަކަށް ދަށްވާނެކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވުން." އަޙްމަދު ޢިމާދު ވިދާޅުވިއެވެ.

މުޅި އިޤްތިޞާދަށް ބަލާއިރު މިދިޔަ އަހަރާ އަޅާބަލާއިރު ކަންކަން ރަނގަޅުވެގެންދާނެކަމަށް އެމްއެމްއޭއިން ވަނީ ލަފާކުރައްވާފައެވެ. އެގޮތުން އިންފްލޭޝަން ރޭޓް ރަނގަޅުވެ އެކެއް އިންސައްތައަށްވުރެ މައްޗަށް ނުޖެހޭނެކަމަށް އެމްއެމްއޭއިން އަންދާޒާކުރައްވައެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ ރާއްޖެއަށް އަންނަ ފުލައިޓްތަކުގެ ޢަދަދު އިތުރުވަމުންދިއުމެވެ.

ސްރީލަންކާގައި ހިނގައިދިޔަ ބޮމުގެ ޙާދިސާއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތައް އަންނާނެ ބަދަލުތަކާގުޅޭގޮތުން ދިރާސާކުރަމުންއަންނަކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. ސަރުކާރުން ހިންގާ ޕްރޮމޯޝަން ކެންޕެއިންތަކާއި މިދާއިރާގެ އިސް ފަރާތްތަކާ މަޝްވަރާކުރުމަށްފަހު މިހާރު އަންދާޒާކުރާ މިންވަރަށްވުރެ ބޮޑަށް ފަތުރުވެރިކަން ކުރިއަރާނެކަމަށް އެމްއެމްއޭއިން ވަނީ ލަފާކުރައްވާފައެވެ.

މިދިޔަ އަހަރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ "ރިއަލް ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް" (ޖީޑީޕީ) ކުރިއެރި ދުވެލި ވަނީ %7.6 އަށް ހަލުވިވެފައެވެ. މިއީ 2017 ވަނަ އަހަރުގެ ނޮވެންބަރު މަހު އަންދާޒާކުރެވުނު %6.0 އަށްވުރެ މަތީ މިންވަރެކެވެ. 2017ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު ކުރިއަރާފައި ވަނީ %6.9 އަށެވެ.