ލިވަޕޫލާއި ދެކޮޅަށް ނުކުންނަން ޖެހިލުންވާން ޖެހޭކަމަށް ބާސެލޯނާގެ ކޯޗް އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.
ޗެމްޕިއަންސް ލީގް ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި ލިވަޕޫލާ ވާދަކުރާ މެޗްގެ ކުރިން ވަލްވާޑޭ ބުނީ ލިވަޕޫލަކީ އާދަޔާ ހިލާފު މޮޅު ފޯވާޑް ލައިނެއް އޮންނަ ވަރުގަދަ ޓީމެއް ކަމަށެވެ.
އަދި ޕްރިމިއަރ ލީގްގައި ލިވަޕޫލް މިހާތަނަށް އެންމެ މެޗަކުން ބަލިވެފަ އޮތުމަކީ އެ ޓީމްގެ ވަރުގަދަކަން ސާބިތުކޮށްދޭ ކަމެއް ކަމަށެވެ.
ވަލްވާޑޭ ބުނީ ލިވަޕޫލްގެ ޑިފެންސް ވަރުގަދަ ކަމަށާއި އިދިކޮޅު ޓީމް ވީހާވެސް ފަހަތަށް ޖައްސައިގެން ކުޅުމަކީ ލިވަޕޫލްގެ އުސޫލު ކަމަށެވެ. އަދި އިދިކޮޅު ޓީމްގެ ހާފް ތެރެއިން ބޯޅަ އަތުލާ ލިވަޕޫލްގެ ފޯވާޑުންގެ ހަލުވި ސްޕީޑްގެ ބޭނުން ހިފުމަކީ ލިވަޕޫލްގެ އުކުޅެއް ކަން ފާހަގަކޮށް އެކަމަށް ސަމާލުވާނެކަމަށް އޭނާ ބުންޏެވެ.
އަދި އެންމެ ހިނދުކޮޅަކަށްވެސް މެޗްގެ ފޯކަސް ގެއްލިއްޖެ ނަމަ ލިވަޕޫލުން ބާސެލޯނާ ރޮއްވާލާނެކަމަށް އޭނާ ބުންޏެވެ.