ވިޔަފާރި

މިދިޔަ އަހަރު އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 9.4 ބިލިއަން ރުފިޔާ


ފާއިތުވި އަހަރުގެ އެސްޓީއޯގެ ޖުމްލަ އާމްދަނީ 9.4 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާ ނުވަތަ 25 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެކުންފުނިން ވިއްކި ތެލުގެ ޢަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު، 20 އިންސައްތަ އިތުރުވެފައިވުންކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ތެލުގެ ވިޔަފާރިން އެސްޓީއޯއަށް ލިބުނު ޖުމްލަ ފައިދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 47 އިންސައްތަ ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ 25 އިންސައްތަ އިތުރުވުމަކީވެސް މިދިޔަ އަހަރު ލިބުނު އާމްދަނީ އިތުރުވި ސަބަބެއްކަމަށް އެސްޓީއޯއިން ބުނެއެެވެ.

2018 ވަނަ އަހަރުގެ ފަހު ކުއާޓަރއިން ފެށިގެން އެސްޓީއޯގެ ފައިދާ ދަނީ އެކަށީގެންވާ ބާރުމިނެއްގައި ކުރިއަރަމުންނެވެ. 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ލިބުނު ފައިދާއަކީ ފާއިތުވި 3 އަހަރުގެ ތެރޭގައިވެސް އެންމެ ރަނގަޅު ފައިދާއެއް ލިބުނު ކުއާޓަރކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން އަބަދުވެސް އެންމެ އިސްކަމެއްދެނީ ތެލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިޤްތިޞާދަށް ކުރާ އަސަރު ކުޑަކުރުމަށްކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެހެނިހެން ވިޔަފާރިތައް ކުރިއަރުވާ، އެ ވިޔަފާރިތަކުން ލިބޭ ފައިދާއިން، ތެލުގެ އަގުން ކުންފުންޏަށް ގެއްލިގެންދާ ބައި ކުޑަކުރުމަށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއަކީ ސަރުކާރުގެ އިތުރުން ޢާންމު ޙިއްޞާދާރުން ހިމެނޭ ކުންފުންޏަކަށްވާތީ، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާ، ރައްޔިތުންނާއި ގުޅުންހުރި މަސައްކަތްތައްކޮށް މިދާއިރާތަކަށް އިންވެސްޓްކުރުމާއިއެކު، ޙިއްޞާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އެސްޓީއޯއިން ބުނެވެވެ.

އެސްޓީއޯއަށް ލިބިފައިވާ ފައިދާއިން ޙިއްޞާއަކަށް 58.00ރ. ބެހުމަށް، މިއަހަރުގެ އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ނިންމަވާފައެވެ. އެސްޓީއޯގެ އަމާޒަކީ އަބަދުވެސް ބާޒާރުގައި ތަކެތީގެ އަގުތައް އެއް މިންގަނޑެއްގައި ހިފެހައްޓާ ދިނުމާއި ޙިއްޞާދާރުންނަށް އެކަށީގެންވާ ފައިދާއެއް ހޯދައިދިނުންކަމަށް އެ ކުންފުނިން ބުނެއެވެ.