ސިޔާސީ

ޕީއެންސީގެ ނާއިބުންނަށް ނިހާން، ސައީދު، ސުޖާއު، މުންދު


ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ޢައްޔަންކޮށް ހަތަރު ނާއިބު ރައީސުން އިންތިޚާބުކޮށްފިއެވެ.

ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގައި ބޭއްވި އެޕާޓިގެ ފުރަތަމަ ޤައުމީ ޖަލްސާގައި ޢަބްދުއްރަހީމް ރައީސްއަކަށް އިންތިޚާބުކޮށްފައިވަނީ ވޯޓަކާނުލައެވެ. އެއީ އެ މަޤާމަށް ޢަބްދުއްރަހީމް ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލައްވާފަިއނުވާތީއެވެ.

ޕީއެންސީގެ ކޮންގްރެސްގެ އިންތިޒާމްތައް ބަލަހައްޓަނީ އެޕާޓީއާއި ކޯލިޝަން ހަދާފައިވާ ޕީޕީއެމުންނެވެ. ޤައުމީ ޖަލްސާގައި ވަނީ އެޕާޓިގެ ނާއިބު ރައީސްގެ މަޤާމަށް ހަތަރު ބޭފުޅަކު އިންތިޚާބުކޮށްފައެވެ. އެމަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަކީ ޔާމީން ސަރުކާރުގައި ސްރީލަންކާއަށް ކަނޑައެޅުއްވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފާއި، ޕީޕީއެމްގައު ހުންނެވުމަށްފަހު ޕީއެންސީއަށް ދާދި ފަހުން ބަދަލުވެވަޑައިގެންނެވި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިން މަނިކާއި، ކުރީގެ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ސަޢީދާއި، ބާރަށު ދާއިރާގެ މެންބަރު އިބުރާހީމް ޝުޖާޢުއެވެ. ފަސް ބޭފުޅުން ވާދަކުރެއްވި މި މަޤާމު ނާކާމިޔާބުވެވަޑައިގަތީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލެވެ.

137 މީހުން ބައިވެރިވި ޤައުމީ ޖަލްސާގައި ނާއިބު ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ނިހާނަށް ލިބިވަޑައިގަތީ 126 ވޯޓެވެ. މުޙައްމަދު ޙުސައިން ޝަރީފަށް 122 ވޯޓް ލިބުނުއިރު އިބްރާހީމް ޝުޖާޢުއަށްވެސް 122 ވޯޓް ލިބިވަޑައިގަތެވެ. މުޙައްމަދު ސަޢީދަށް ލިބިވަޑައިގަތީ 120 ވޯޓެވެ. ނާކާމިޔާބުވެވަޑައިގަތް ނިމާލަށް ލިބިވަޑައިގަތީ 39 ވޯޓެވެ.

ކުރިން އެޕާޓިގެ އަސާސީ ޤަވާއިދު ބުނާގޮތުން ނާއިބު ރައީސްއަކަށް ޢައްޔަންކުރައްޖެހޭނީ 2 މީހުންނެވެ. ނަމަވެސް މަޤާމަށް ވާދަވެރިކަން ބޮޑުވުމާއި ގުޅިގެންކަމަށް ބުނެ މިހާރު ވަނީ އެ މަޤާމަށް 4 މީހަކު ޢައްޔަންކުރުމަށް އަސާސީޤަވާއިދަށް ބަދަލު ގެނެސްފައެވެ. އަދި ޕީއެންސީގެ ކައުންސިލަށް 20 ބޭފުޅަކުވަނީ އިންތިޚާބުކޮށްފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިރުޝާދާއެކު އުފެއްދެވި ޕީއެންސީގެ ޤައުމީ ޖަލްސާ ނިންމުމުގެ ޖަލްސާ މިހާރު ވަނީ މާދަމާ ރެޔަށް ފަސްކޮށްފައެވެ.