ވިޔަފާރި

ދިރާގުގެ ސާފު ފައިދާ 905 މިލިއަން - ހިއްސާއަކަށް 11.91 ބަހަނީ


ދިރާގުގެ ހިއްސާއަކަށް 11.91 ބެހުމަށް އެ ކުންފުނިން ނިންމައިފިއެވެ. މިގޮތައް ނިންމާފައިވަނީ އެ ކުންފުނީގެ 30ވަނަ އަހަރީ އާންމު ޖަލްސާގައެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ދިރާގުގެ 30 ވަނަ އަހަރީ ޢާންމު ޖައްސާގައި ޙިއްސާއަކަށް 11.91 ބެހުމަށް ނިންމާފައިވާއިރު މިއީ މިދިޔަ އަހަރު އެ ކުންފުނިން ހިއްސާއަކަށް ބެހި 11.81 ލާރިއަށްވުރެ %0.8ގެ އިތުރު ޢަދަދެކެވެ. މިއަހަރުގެ އެޕްރީލް މަހުގެ 18ވަނަ ދުވަހުގެކުރިން ޙިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ހިއްސާދާރުންނަށްވެސް ހިއްސާ ބެހުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެއެވެ.

އެންމެ ދުވަސްވީ މުއާސަލާތީ ކުންފުނި ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު، %5.4 އިތުރު ޢަދަދެކެވެ. މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ދިރާގަށް ލިބިފައިވަނީ 905 މިލިއަން ރުފިޔާއެވެ. މިއީ އޭގެކުރީ އަހަރާއި އަޅާބަލައިރު %0.8ގެ އިތުރުވުމެކެވެ.

މި ޖަލްސާގައި ދިރާގުގެ 84 ޙިއްސާދާރުން ވަނީ ބައިވެރިވެފައެވެ. މިއީ ޖުމްލަ 71،458،960 ހިއްސާއެވެ. މި ޖަލްސާގައި ނިމިދިޔަ އަހަރުގެ އަހަރީ ރިޕޯޓްތަކާއި މާލީ ހިސާބުތައް ވަނީ ފާސްކޮށްފައެވެ. އަދި ކުރިއަށްއޮތް އަހަރުގެ އޮޑިޓަރަކަށް ކޭ.ޕީ.އެމް.ޖީ ވަނީ ހަމަޖައްސާފައެވެ.